ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެނީ

"...ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި،"

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް ރައީސް ޑރ.  މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ވީހާވެސް ބޮޑު އަދަބެއް ކަނޑައެޅުމަށް އެ ބިލު އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"...ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗާ ބެހޭ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ސަރުކާރުން ބުނެފައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު އެއްލައްކަ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.