އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތެވެ.
ރާއްޖޭގެ އިގުތިސާދު ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާއިރު ވެސް، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބަހެއް ނުބުނެ، ހާލަތު ސާފުކޮށްނުދޭތީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިގުތިސާދު "ފުނޑިއްޖެ" އެވެ.
"އާފަލެއްގެ އަގު 10ރ، ފިޔާ ކިލޯއެއްގެ އަގު 50ރ އިން މަތީގައި، ކާބޯތަކެއްޗަށް ދަތިވެއްޖެ، ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް އުފުލިއްޖެ، ޑޮލަރުގެ އަގު ހުރީ 20.20ރ އިން މަތީގައި. ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތެވެ.
"މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާނެ ގޮތެއް ނުވި. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީ. އެމްއެމްއޭއިން ޖަވާބު ނުދޭތާނގާ ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި ބަލަން ބޭނުން ސަރުކާރެއް ނޫން ކަމަށާއި އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން ކަމަށެވެ.
"ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް،" ފައްޔާޒް ވިދާޅުވި އެވެ.