މެޓް އޮފީހުގެ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، އެ ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، އެ ބިންހެލުމާ އެކު އުފެދިފައިވާ ސުނާމީގެ ނުރައްކަލެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ނެތް ކަމަށެވެ.
ރަޝިޔާގެ އިރުމަތިން ކަނޑުގެ އަޑިއަށް 8.7 އަށް މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމަކާއެކު އުފެދިފައިވާ ސުނާމީގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށެވެ. އަދި ބިން ހެލުން އައި ކަމަށް ވަނީ ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ.
ރަޝިއާގެ މި ސަރަހައްދަކީ ޖަޕާނާއިވެސް ކައިރި ސަރަހައްދަކަށްވުމުން ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ސުނާމީގެ އިންޒާރު ނެރެފަ އެވެ.
އެ ބިންހެލުމާއެކު އުފެދުނު ސުނާމީގެ އުސް ރާޅުތައް ރަޝިއާގެ ބައެއް ސަރަހައްދުތަކަށް އަރައި، ބޯޓު ފަހަރުތަކަށް ގެއްލުންތައް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، އެ ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، އެ ބިންހެލުމާ އެކު އުފެދިފައިވާ ސުނާމީގެ ނުރައްކަލެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ނެތް ކަމަށެވެ.
ބާރުގަދަ މި ބިންހެލުމާއެކު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އެމެރިކާގެ ހަވާއީ ސްޓޭޓާއި އަލަސްކާއަށް ސުނާމީގެ އަސަރު ކުރާނެ ކަމަށް ބުނެފަ އެވެ.
އެ ސުނާމީގެ ނުރައްކާ އޮތުމުން ޗައިނާގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ އިންޒާރު ނެރެފަ އެވެ.
ސުނާމީގެ އެންމެ ނުރައްކާ ބޮޑު ރަޝިއާ، ޖަޕާނު އަދި ހަވާއީގެ ސަރަހައްދުތަކުން ވަނީ އެތަކެއް ހާސް މީހުން އުސް ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.