ދިވެހިންނަށް އެއް އަހަރު ދުވަހުގެ މެޑިކަލް، ސްޕައުސް ވިސާ ލަންކާއިން ދެނީ

ރައީސް މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައި ދިވެހިންނަށް ސްޕައުސް ވިސާ ވެސް އެއް އަހަރު ދުވަހަށް ދޭން ނިންމާފައިވާ ކަން ހާމަކުރެއްވި އެވެ.

ރައީސް މުއިއްޒު އާއި ލަންކާގެ ރައީސް ގުޅިގެން ބޭއްވެވި ޕްރެސް. | ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ ދުވަހާ ހަމައަށް މެޑިކަލް އަދި ސްޕައުސް ވިސާ ދޭން ނިންމައިފި އެވެ.

ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލަންކާއަށް ދާ ދިވެހިންނަށް އެއް އަހަރުގެ ދުވަހާ ހަމައަށް މެޑިކަލް އަދި ސްޕައުސް ވިސާ ދޭން ލަންކާ ސަރުކާރުން ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ބޭސްފަރުވާއަށް ލަންކާއަށްދާ ދިވެހިންނަށް އެއް އަހަރު ދުވަހާ ހަމައަށް މެޑިކަލް ވިސާ ދޭން ނިންމިކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހޭރަތު މީގެކުރިން ވަނީ އިއުލާނުކުރައްވައިފަ އެވެ. މިހާރު ގިނަވެގެން ހަ މަސް ދުވަހާ ހަމައަށް ދެމުން އަންނަ މެޑިކަލް ވިސާ، އެއް އަހަރުގެ މުއްދަތަށް އިތުރުކޮށްދެނީ ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ނަމަވެސް، ރައީސް މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައި ދިވެހިންނަށް ސްޕައުސް ވިސާ ވެސް އެއް އަހަރު ދުވަހަށް ދޭން ނިންމާފައިވާ ކަން ހާމަކުރެއްވި އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވާތީ، އެ ވިސާ ލިބުމުގެ ޝަރުތުތަކެއް ސާފެއް ނުވެ އެވެ. 

ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ކޮންސިޔުލާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ލަންކާގެ ރައީސާއެކު ކުރެއްވި މަޝްވަރާތަކުގައި އަލިއަޅުވާލެވުނުކަމަށް ވިދާޅުވި އެވެ. 

އަދި ދެ ގައުމުގެ ގާތް ރަހުމަތެރި ގުޅުން ބިނާވެފައިވަނީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އޮތް މިފަދަ ގާތްގުޅުންތަކުގެ މައްޗަށް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒު އާއި ލަންކާގެ ރައީސް ގުޅިގެން ބޭއްވެވި ޕްރެސް. | ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރަމުންދާ ގައުމެއް ކަމަށާއި އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައިވެސް ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އެބައޮތެވެ. 

އެހެންކަމުން މީހުން ތަމްރީނުކުރުމުގެ އިތުރުން ލަންކާއާއި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރަން ދެ ގައުމުންވެސް އެއްބަސްވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި ވިޔަފާރިއާއި ދިފާއީ ތައުލީމާއި ވޮކޭޝަނަލް ޓްރެއިނިންއާއި ޒުވާނުން ބާރުވެރިކުރުވުން، ކުޅިވަރާއި ތިމާވެއްޓާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މަނިކުފާނު ހާމަކުރެއްވި އެވެ.

ރައީސް ޑިސަނާޔަކެގެ ތިން ދުވަހުގެ މި ދަތުރުފުޅަކީ، އެ މަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެ މަނިކުފާނުގެ ޝަރަފުގައި ރައީސް މުއިއްޒު ދެއްވާ ރަސްމީ ޖާފަތް، މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.