އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދެވޭނެ އެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިގޮތުން، ސޮއި ކުރެވުނު ފުރަތަމަ އެއްބަސްވުމަކީ، ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު ކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބުމާއެކު، މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދެވަނަ އަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދެވޭނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭއިރު، އަދި މައްސަލަތައް ތަހުގީގުކުރުމާއި، ޝަރީއަތް ހިންގުމުގައި، ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެ އެވެ.
ރައީސް ޑިސަނާޔަކެގެ ތިން ދުވަހުގެ މި ދަތުރުފުޅަކީ، އެ މަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެ މަނިކުފާނުގެ ޝަރަފުގައި ރައީސް މުއިއްޒު ދެއްވާ ރަސްމީ ޖާފަތް، މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.