ލަންކާގެ ރައީސް ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ. ލަންކާގެ ރައީސްގެ ޝަރަފުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް އެރުވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނާކަޔާ އަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
މިރަސްމިއްޔާތަށް، ރައީސް ޑިސަނާޔަކެ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.
ރައީސް ޑިސަނާޔަކެއަށް މަރްހާބާ ދެންނެވުމުގެގޮތުން ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން، އެ މަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައި ވެ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެ މަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި، ރައީސް ޑިސަނާޔަކެއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުންވެސް އޮތެވެ.
އެ ރަސްމިއްޔާތަށްފަހު، ދެ ރައީސުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށްފަހު، ދެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް ދެއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް ޑިސަނާޔަކެގެ ތިން ދުވަހުގެ މި ދަތުރުފުޅަކީ، އެ މަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.