ދައުލަތުގެ އެންމެ މަތީ އިއްޒަތް، ގާސިމާއި ސޯބިރު އަދި ސަލީމަށް އަރުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމަށް އަރުވައިފި އެވެ.
މި އިއްޒަތް ގާސިމަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ގާސިމް އަބަދުވެސް މަސައްކަތް ކުރައްވަނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. އުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި، -/15,000 (ފަނަރަހާސް) ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976ވަނަ އަހަރުގެ ތެރޭގައި، ޤާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެހިސާބުން ފެށިގެން ފަސްޖެހިވަޑައިގަތުމެއްނެތި، ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވީއެވެ.
ގާސިމަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިއަދު ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ޤާސިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް ހަނދާންކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އިޞްލާޙީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފެށްޓެވިއިރު، ޤާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިބްރާހީމް އިންނަވައިގެންނެވެ.
ޤާސިމް އިބްރާހީމަށް 2013ވަނަ އަހަރު، ދިވެހި ދައުލަތުން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ.) އަރުވައިފައެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ.
ގާސިމްގެ އިތުރުން، މިއަދުގެ ޖަލްސާގައި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން، ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަސަން ސާބިރަށް ވެސް ވަނީ އަރުވައިފަ އެވެ.
ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
ޙަސަން ޞާބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ޙަސަން ޞާބިރު ފުރުއްވިއެވެ.
1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ޙަސަން ޞާބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަން ކުރެއްވިއެވެ.
ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުވެސް ޞާބިރު ފުރުއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، ހާރިޖީ ދާއިރާއަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި، އަހުމަދު ސަލީމަށް ވެސް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވައިފަ އެވެ.
އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. އެ މަނިކުފާނު ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. މިގޮތުން ޚާރިޖީ ދާއިރާގައި އަޙްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ. އެ މަނިކުފާނު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ވަނީ ފުރުއްވައިފައެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް އަޙްމަދު ސަލީމް އަދާކުރައްވާފައިވެއެވެ. އަޙްމަދު ސަލީމް ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަޤުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭރު ޤައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން އަޙްމަދު ސަލީމް ވަނީ އެ މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް ހިންގަވައިފައެވެ.
އަޙްމަދު ސަލީމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.
އަޙްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ފުރުއްވައިފައިވެއެވެ.
ހާރިޖީ ދާއިރާގެ 54 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ނިމުނު ހަފްތާގެ ތެރޭގައި ސަލީމް ވަނީ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ.