މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ނަފްސާއި ސިކުނޑި ތަރައްގީ ކުރަން ނިންމައިގެން ނޫނީ ހަގީގީ ތަރައްގީ ހާސިލުވާން ނެތްކަން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްފައި އަމަލީ ގޮތުން މިހާރު ފެންނަމުން ދަނީ ތަރައްގީގެ މަސައްކަތްތައް ކަމަށާއި، ނަމަވެސް ތަރައްގީ ހާސިލުވާން އޮތީ، އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްގީކުރަން ނިންމައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ނަފްސާއި ސިކުނޑި ތަރައްގީ ކުރަން ނިންމައިގެން ނޫނީ ހަގީގީ ތަރައްގީ ހާސިލުވާން ނެތްކަން ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަހުރުވެރިވެ، އަބުތޯލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ގަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ގައުމިއްޔަތަށް އިސްކަންދިނުމަށް ނިންމައިގެން ނޫނީ ގައުމަށް ތަރައްގީ ގެނައުމުގެ އެއްވެސް މާނައެއްނެތް ކަމަށެވެ.
"މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިހުލާސްތެރި، ބުރަ، ގައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް، އަންނަން އޮތް ޖީލުތަކަށް މިކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.
އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދެވޭނެ މި ނޫން ގޮތެއް ނެތްކަން ކަމަށާއި، ގައުމީ ލޯބި އިސްކުރެވެން އޮތީވެސް މިމޭރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަގީންކަމާއެކު ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާއި، އެހެން ބައެއްގެ އެހީ ހޯދިކަމުގައި ވީ ނަމަވެސް، ދިވެހީންނަށް ބޭނުންވާ ކަންކަން ދިވެހީންގެ އަމިއްލަ އަތުން ކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި، ދިވެހީންނަށް ފައިދާހުރި ކޮންމެ ކަމެއްގައި، ބޭރު ގައުމުތަކާއި ގުޅުން ބޭއްވުންވެސް އޭގެ ތެރޭގައި ހިމެނޭކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ގައުމުގެ ތަރައްގީ ކުރިއަށް ގެންދިއުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށާއި، އިހުލާސްތެރިކަމާއެކު ވައުދުތައް ފުއްދެވުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.