ފަވަރަ އާއި ޔޫޕީއައި ގުޅާލައި، ދިވެހި ރުފިޔާއިން އިންޑިއާގައި ފައިސާ ދެއްކުމުގެ އަމާޒަށް

އެމްއެމްއޭއިން މަސައްކަތް ކުރަނީ ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، އަންނަ އަހަރުގެ ކުރީ ކޮޅު ހަމަޖެއްސުމަށެވެ.

ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ގައުމީ ޕޭމަންޓް ސިސްޓަމް ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލައި ދިވެހިނަށް އިންޑިއާގައި ދިވެހި ރުފިޔާ އިން ފައިސާ ދެއްކުމުގެ އަމާޒަށް ދަތުރު ފަށައިފި އެވެ. 

މި އަމާޒަށް ދަތުރު ފަށާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ސޮއިކުރި އެއްބަސްވުމާއެކުގަ އެވެ. މީގެ ދޮޅު އަހަރު ކުރިން ފެށިގެން ޕްރޮޕޯސަލް ލިބި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފަންނީ ޓީމަކުން ދިރާސާ ކުރަމުން ދިޔަ މި ޕްރޮޕޯސަލް ސޮއި ކުރުމާ ހަމައަށް ގޮސްފައިވަނީ "ދިވެހިން ފުރަތަމަ" ވިސްނުމުގެ ދަށުން އެ އޮތޯރިޓީން ގެނައި ބަދަލުތަކާއެކު އެވެ. މި ބަދަލާއެކު އެމްއެމްއޭގެ އަމާޒަކީ ދިވެހިންނަށް ދިވެހި ރުފިޔާއިން އިންޑިއާގައި ފައިސާ ދެއްކޭނެ މަގު ފަހި ކުރުމެވެ. އެ މަގަށްދާން މަރުކަޒީ ބޭންކުން މި އެއްބަސްވުމުގައި އެބައި ހިމަނާފައިވާކަން "ދަ މިރާ" އަށް އެނގިފައިވެ އެވެ.

ސޮޔާއެކު ވާނީ ކިހިނެއް ؟ މިއަދު ކުރި ސޮޔާ ބެހޭ ގޮތުން އެމްއެމްއޭ އިން ބުނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އައިއެމްއެގްގެ ބައްދަލުވުމެއްގައި ގަވަރުނަރު މުހައްވަރު ވާހަކަ ދައްކަވަނީ -- އައިއެމްއެފް

މި ސޮއި ކުރެވުނު އެއްބަސްވުމާ އެކު، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ އެވެ. އަދި، އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔޫޕީއައި ގުޅުވާލެވިގެންދާނެ އެވެ. މިއާއެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.

އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭންގައި ލިޔެފައިވާ ކަމެއް

މި މަސައްކަތަކީ އެމްއެމްއޭ އިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލާ ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތްތަކެކެވެ. 

ދެ މަރުހަލާއެއް - އަމާޒަކީ އަންނަ އަހަރު ނަތީޖާއާ ހަމައަށް ދިއުން

މި ހިދުމަތްތައް ތައާރަފް ކުރުމަށް ރޭވިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާ - މި މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމް، އަންނަ އަހަރުގެ ކުރީ ކޮޅުހަމަޖެހިގެންދާނެ އެވެ.

ދެވަނަ މަރުހަލާ - މި މަރުހަލާގައި ފަރުދުން ކުރާ ވިޔަފާރި މުޢާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއިއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެ އެވެ. މި ހިދުމަތްތައް ތައާރަފް ކުރުމަށް ރޭވިފައިވަނީ ދެ ގައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ގޮތަށެވެ.

އެންއައިޕީއެލްއިން އެހެން ގައުމުތަކުގައި ކޮށްފައިވާ ކަމެއް

އެންއައިޕީއެލް އިން ވަނީ ސިންގަޕޫރާއި ސްރީ ލަންކާ އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ހިދުމަތްތައް ތައާރަފްކޮށްފަ އެވެ. ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިޔަށް ގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައި، މިކަން ތަންފީޒުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްއެމްއޭ އިން ދަނީ ކުރަމުންނެވެ. 

މި ކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސް ކުރާ ފަރާތަށެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްގީކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ.

ގައުމީ ކިއުއާރު ކޯޑް ސްޓޭންޑަޑެއް ހަދަނީ

ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން އިތުރަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގްސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. 

މީގެ ސަބަބުން، ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި ހަމަ އެޔާއިއެކު ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގު ފަހިވެ، ދެ ގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގްވާމީ މުޢާމަލާތްތަށް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ. މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަށް ފަސޭހަވެ، އެމްއެމްއޭ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މާލީ ބައިވެރިވުން އިތުރު ކުރެވި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ލިބޭ ބާރަކަށް ވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.