ބީއެމްއެލް އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސޯދީ ގުޅުން އިތުރަށް ހަރުދަނާކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ. މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ.
ބިއެމްއެލް އިން ބުނީ އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށެވެ. އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާއަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މިއަދު ވިދާޅުވީ އެ ބޭންކުގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އޭގެ ސަބަބުން، ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،
އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ކަސްޓަމަރުންނަށް ރުޕޭ ކާޑު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.