"އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން،" އެ ޕޯސްޓުގައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ކީ ހޫނު މަރުހަބާއަށް ދިވެހި ބަހުން ޝުކުރު ދަންނަވައި އެކްސްގައި ޕޯސްޓްތަކެއް ކުރައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އޭގެ ފަހުން ކުޑަކުދިންގެ ސަގާފީ ނެށުމެއް ވެސް ވަނީ ބާއްވާފަ އެވެ.
މޯދީ އެކްސްގައި ދިވެހި ބަހުން ކުރެއްވި އެއް ޕޯސްޓުގައި ވަނީ މާލެ އާދެވިއްޖެ ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށެވެ.
"އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން،" އެ ޕޯސްޓުގައިވެ އެވެ.
ދިވެހިން ކުރެއްވި އިތުރު ޕޯސްޓެއްގައި މޯދީ ވަނީ ރަސްމީ ފާލަން ކައިރިއަށް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގޮސް ތިބި އިންޑިއާގެ ރައްޔިތުންތަކެއްގެ ފޮޓޯ އާންމުކޮށްފަ އެވެ. އެ ޕޯސްޓުގައި ލިޔުއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަރުރެއް އަދާ ކުރާ ބައެއް ކަމަށެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް. މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ. ދެއްވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރަން،" އެ ޕޯސްޓުގައިވެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން މިއަދު އޮންނާނެ ކަމަށެވެ. މޯދީގެ މި ދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ މަޝްވަރާތައް ކުރުމާއި، މުހިންމު އެމްއޯޔޫތަކުގައި ސޮއިކުރުން އޮންނާނެ އެވެ.