ވާވު ޝިޕްރެކްގެ ނަމުން މަޝްހޫރުވި ބޯޓު އޮޔާދަނިކޮށް ގެސްޓްހައުސްތަކުގެ އެއްބާރުލުމާއެކު ވ. އަތޮޅު ކައުންސިލުން މި ބޯޓު ގެނެސް ބާއްވާފައިވަނީ މަޑުއްވަރީ ފަޅުގެ ހުޅަގު ކޮޅުގަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގައި މިފަހުން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު އެއް ފޮޓޯއަކީ ވާވު އަތޮޅު ކެޔޮދޫ ކައިރީގައި އޮންނަ އަޑިއަށް ގޮސްފައިވާ ބޯޓެއްގެ ނަގާފައިވާ ފޮޓޯތަކެވެ. އެއްބުރި އަޑިއަށް ގޮސްފައިވާ ލަކުނޑި މި ބޯޓު އެތަނުގައި އޮވެ، އެންމެފަހުން ފެހިޖަހައި މުރަކަ އާލާވެ، އެތަނުގައި މަސް އާލާވި އެވެ. ނަތީޖާއަކަށްވީ އެތަން ޓޫރިސްޓު އެޓްރެކްޝަނަކަށްވުމެވެ. ދުނިޔޭގެ އެތައް މިތަނުން މަޝްހޫރު "ވާވު ޝިޕްރެކް" ބަލަން އެތައް ލައްކަ ބަޔަކު އައިކަމަށްވެ އެވެ. އަދި މިތަންވީ ދިވެހިންގެ ގިނަ ބައެއްގެ ވެސް ޝައުގުވެރި މަންޒިލަކަށެވެ.
ނަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން މި ބޯޓަށް ގެއްލުންވެ ބަނޑުން ޖަަހައިލި އެވެ. އަދި އެންމެފަހުން މޫސުން ގޯސްވި މިދިޔަ ހަފުތާގައި މި ބޯޓު އޮތް ފަޅުން ނައްޓާލައި ކަނޑަށް އޮޔާދިޔަ އެވެ. މި ވާހަކަވީ އެތައް ބަޔަކު ކަންބޮޑުވި އަދި ދެރަވި ކަމަކަށެވެ. ހާއްސަކޮށް ވާވުގެ ޓޫރިޒަމަށް މި ވާހަކަވީ ހިތްދަތި މިލިއަން ޑޮލަރުގެ ގެއްލުމަކަށެވެ. ނަމަވެސް މިފަހަރު އޮތް އުފާވެރި ހަބަރަކި އޮޔާގޮސް ކަނޑުމަތީގައި އޮތް މި ބޯޓު އަނެއްކާ ވެސް އަލުން މިވަނީ ވާވު އަތޮޅު ކައުންސިލުން ގެނެސްފަ އެވެ.
"ދަ މިރާ" އަށް ވާހަކަ ދައްކަވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ސުޖާ ވިދާޅުވި ގޮތުގައި ވާވު ޝިޕްރެކް އޮޔާ ދަނިކޮށް ގެސްޓްހައުސްތަކުގެ އެއްބާރުލުމާއެކު އަލުން ގެނެސް ވ. ތިނަދޫ އާއި ފެލިދޫއާ ދެމެދުގައި އޮންނަ ސަފާރީތައް އަޅާ މަޑުއްވަރީ ފަޅުގެ ހުޅަނގު ކޮޅުގައި އައްސާފައިވާ ކަމަށެވެ.
"ބޯޓުގައި އާލާވެފައިވާ މަސްތައް ވެސް އޭގައި އެބަހުރި. މި ބޯޓު ގެނެސްފައިވަނީ ގެސްޓްހައުސްތަކުގެ އެއްބާރުލުމާއެކު އެ ފަރާތްތަކުން،" ސުޖާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު އޮޔާގޮސްފައިވަނީ މިއީ ލަކުނޑި ބޯޓަކަށްވުމުން އެއްކޮށް ފީވެގެން ކަމަށެވެ. އެ ބޯޓު އެތަނުގައި ހަރުކުރަން މަސައްކަތް ކުރިނަމަވެސް އެވަރަށް ފީވެފައި އޮތުމުން އެކަން ނުވީ ކަމަށެވެ. އަދި ބޯޓު އޮޔާ ގޮސްފައިވާއިރު އިންޖީނުގެ އެ ބޯޓު އޮތް ސަރަހައްދުގައި އަދިވެސް އެބައޮތް ކަމަށް ސުޖާ ވިދާޅުވި އެވެ.
"ބޯޓު ހަރުކުރަން އަޅުގަނޑުމެން ޑައިވިން ޓީމްއާއެކު ވެސް މަސައްކަތް ކުރިން. އެކަމަކު އެ ބޭފުޅުންގެ ލަފާއަކީ ވެސް އެ ވަރަށް ފީވެފައި އޮތުމުން އައްސައިފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް. އެހެންވެ އެ މަސައްކަތް ކުރަމުން ދަނިކޮށް މޫސުން ގޯސްވެގެން އެބައި އޮޔާ ދިޔައީ،" ސުޖާ ވިދާޅުވި އެވެ.
ސުޖާ ވިދާޅުވީ ވާވު ޝިޕްރެކް އޮތް ސަރަހައްދުގައި އިތުރު ބޯޓެއް ފައްތަންވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަން ކުރަން މިދިޔަ މާޗު މަހު ފިނޭންސުން ފެހި ސިގްނަލް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވަމުންދާ ކަމަށާއި އެހެންކަމުން ކައުންސިލްގެ މިހާރުގެ ވިސްނުން ހުރީ ކައުންސިލްގެ ހަަރަދުގައި ނުވަތަ އެހީވެރިވާ ފަރާތްތަކާއެކު ނަމަވެސް އިތުރު ބޯޓެއް ގެނެސް އެ ސަރަހައްދަށް ފައްތާލުމެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބޯޓު ކައިރިއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 250 މީހުން ފީނަ އެވެ. އަދި ސީޒަންގައި މި އަދަދު 300 އަށްވުރެ މަތިވެ އެވެ. އަދި މި ބޯޓު ކައިރިއަށް ފީނާ މީހެއްގެ ބޮލަކަށް ދިވެއްސެއްނަމަ ގެސްޓްހައުސްތަކުން 150ރ. ނަގާއިރު، ދަތުރަކަށް 750ރ. ވަރު ނަގަ އެވެ. އަދި ޓޫރިސްޓެއްގެ ބޮލަކަށް ނަގާ އަދަދު އެތައް ގުނައެއް އިތުރެވެ. އެހެންވެ މަހަކު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ހަމައެކަނި ދިވެހިންގެ އަގުން ބަލާނަމަ މި ޝިޕްރެކުން ޓޫރިޒަމަށް ފައިސާ ލިބޭނެ އެވެ. އަދި ޓޫރިސްޓުންނާއެކު ބަލާނަމަ މި އަދަދު ތިން މިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ. މި ޝިޕްރެކް ވެފައިވަނީ ޓޫރިޒަމް މާކެޓިން އަގުން ވެލިއު ކުރާނަމަ މިއީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އެސެޓެކެވެ.