"ހަގީގަތުގައި އެމްޑީޕީގެ އެމްޕީސްގެ ކިބައިން ވެސް، އެއްގޮތަކުން ދަންނަވަންޏާ މާ ރަގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ،"
ދާއިރާގައި ހިންގާ އެކިއެކި މަޝްރޫއުތަކާއި އެހެނިހެން ކަންކަމުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެއްވެސް ވަރަކަށް އެއްބާރުލުން ނުދެއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވެލިދޫ ދާއިރާގައި ހިމެނޭ ފޮއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ދާއިރާގެ މަޖިލިސް މެންބަރުގެ ފަރާތުން އެއްބާރުލުން ނުދޭއިރު، ކަންކަމަށް ހުރަސް އަޅުއްވަން އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ސަރުކާރު އުފެދުނުއިރު ކޯލިޝަންގައި އޮތް، ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމްގެ ސިޔާސީ ޕާޓީ، އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ އައްބާސް ކަން ކުރައްވަމުން ގެންދަވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ސިފަ ކުރައްވާފަ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އިންތިހާބުކޮށްފަ ހުރި މަންދޫބެއް ކަމަށްވާނަމަ ސިޔާސީ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެކަން. އެއަށްވުރެ ޒިންމާދާރުކަމާއެކީ، ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެރަށުގެ ކައުންސިލްގެ ރައީސް ވެސް ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދެއްވަމުންދާ ކަމަށެވެ. އެކަމަށް އެމަނިކުފާނު ޝުކުރުވެސް ދެންނެވި އެވެ.
"ހަގީގަތުގައި އެމްޑީޕީގެ އެމްޕީސްގެ ކިބައިން ވެސް، އެއްގޮތަކުން ދަންނަވަންޏާ މާ ރަގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ،" އެމޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކިތަންމެ ބޮޑަކަށް ހިޔާލު ތަފާތުވިޔަސް، އެމްޑީޕީ މެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާތަކުގައި ހިންގާ އެއްވެސް ކަމަކަށް، މިއަދާ ހަމައަށް ހުރަސް އެޅިކަމުގެ ނުވަތަ އެއްބާރުލުން ނުދޭ ކަމުގެ މައްސަލައެއް އެމަނިކުފާނާ ހިސާބަށް އައިސްފައި ނުވާ ކަމަށެވެ.
އަދި، ވިދާޅުވީ މެންބަރުގެ އެއްބާރުލުން ނުލިބުނު ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރުން ދާނީ ކުރިއަށް ކަމަށެވެ.
ރައީސް އެ އަތޮޅަށް ވަޑައިގަންނަވަން އުޅޭތީ މިމަހުގެ ކުރީކޮޅު އައްބާސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިމަހުގެ ކުރީކޮޅު ކުރެއްވި އެ ޕޯސްޓްގައި އޭނާ ވިދާޅުވީ ރައީސް ނ. އަތޮޅަށް ވަޑައިގަންނަވަނީ އެ އަތޮޅުގެ "ހުރިހާ ރަށެއްގައި ފަތުއަޑު ކިޔާފައި ހިގަމުންދާ ތަރައްގީގެ ބިޔަ ބޮޑު ގިނަ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށް" ކަމަށެވެ.
ދަތުރުގެ ބޭނުމަކީ އިތުރު ދޮގުތައް ހެއްދެވުން ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެ އެވެ.