ފަރަށް އަރާފައިވާ އެ ބޯޓު ފަރުން ނެއްޓި، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން ރޭ ވަނީ އެދިފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ މަޝްހޫރު ވާވު ޝިޕްރެކް، ފަރުން ނެއްޓި އޮޔާދާން ފަށައިފި އެވެ.
ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަގުބޫލު ވާވުގެ ޝިޕްރެކް އޮންނަނީ ވ. ކެޔޮދޫ ބޭރުގަ އެވެ. ފަރަށް އަރާފައިވާ އެ ބޯޓު ފަރުން ނެއްޓި، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން ރޭ ވަނީ އެދިފަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އަދި ހާސްކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.
ވާވުގެ "ރަންގަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބޯޓަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ކަނޑުވި ބޯޓެކެވެ. އެންމެ ފުރަތަމަ އެ ބޯޓު ފެނުނީ ފެލިދޫގެ ދެ މަސްވެރިއަކަށެވެ. އޭރު އެ ބޯޓު ސަލާމަތްކުރަން އުޅުނު ނަމަވެސް އޮޔާ ގެންދިޔުމަށް ފަހު ބޯޓު ކަނޑުވީ މިހާރު އޮތް ސަރަހައްދަށެވެ.
މިއަހަރުގެ ޖެނުވަރީ މަހު އެ ބޯޓު ބަންޑުން ޖަހާލައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ފަހުން ވެސް އެ ޝިޕްރެކަށް ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.