ސިޔާސީ ހިޔާލުތަފާތުވުންތަކަށް ވަގުތެއް ނެތް | ރައީސްގެ އަމާޒު ތަރައްގީއަށް

ރައީސް ވިދާޅުވި ގޮތުގައި، އެ މަގްސަދު ހާސިލުކުރުމުގައި ހާއްސަކޮށް ސިޔާސީ ހިޔާލުތަފާތުވުންތައް ހުރަހަކަށް ނުވާނެ ގޮތަށް މަސައްކަތްތައް ސަރުކާރުން ރާވާނެ އެވެ.

ރައީސް ޑރ. މުއިއްޒު ނ. ކުޑަފަރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުންނަށް ނުބަލައި، ސަރުކާރުގެ އަމާޒު ހުރީ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ތަރައްގީ ގެނައުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި، އެ އަތޮޅުގެ ކުޑަފަރީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ތަކުރާރުކުރައްވައިފަ އެވެ.

މިގޮތުން، މިފަދަ ދަތުރުތަކުގެ ތެރެއިން، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ރައްޔިތުންގެ ބޭނުންތަކާއި އެދުމާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އެ މަގްސަދު ހާސިލުކުރުމުގައި ހާއްސަކޮށް ސިޔާސީ ހިޔާލުތަފާތުވުންތައް ހުރަހަކަށް ނުވާނެ ގޮތަށް މަސައްކަތްތައް ސަރުކާރުން ރާވާނެ އެވެ. 

"އެއްވެސް ރަށެއްގެ ކައުންސިލުން ހިޔާލު ތަފާތުވެގެން ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނުވަތަ ލަސްތައް ނޫނީ ހުރަސްތައް ކުރިމަތިކުރުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތުންނާ ގާތަށް އައިސް އަޑުއަހައިގެން ކަންކަން ކޮށްދިނުން. އެހެންވެ ރައްޔިތުން ގާތަށް މިއަންނަނީވެސް ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ހިޔާލުތަފާތުވާ ބަޔަކަށް އެކަން ދޫކޮށްލައްވާފައި، އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ، ސަރުކާރުގެ ސިޔާސަތައިގެން ކަމަށާއި، ރަށްރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. 

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރައީސް އިއްޔެ ވަނީ އަމިއްލަފުޅަށް މުއްދަތެއް ކަނޑައަޅުއްވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.