އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އަޅާނެ އެވެ.
ނ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ތަނުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެމްޓީސީސީ އަހުމަދު ސައުދީ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އަޅާނެ އެވެ. ޖުމުލަ 187 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 780 ދުވަހުން މަސައްކަތް ނިންމައި، ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.
މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރޭ ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުގެ އާ އިމާރާތާއެކު އިތުރު އާ ހިދުމަތްތަކެއް ތައާރަފް ވެގެންދާނެ ކަމަށެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗް ތެރަޕީ ފަދަ ހިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.