"އިރާދަކުރެއްވިއްޔާ އެކި އަހަރުތަކަށް ބަހާލައިގެން ހަމަ މިރަށަށް ވެސް ބޭނުންވާ ވަރަށް ހައުސިން ޔުނިޓް ގާއިމްކުރުން އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫނު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ މަނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ހިންގަން ޖެހޭ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނައިގެން މަޝްރޫއުތައް ހިންގި ނަމަވެސް، އަހަރެއްގެ ތެރޭގައި އެއްވެސް ރަށަކަށް ބޭނުންވާ ވަރަށް ހައުސިން ޔުނިޓްތައް ނޭޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކި އަހަރުތަކަށް ބަހާލައިގެން ހަމަ މިރަށަށް ވެސް ބޭނުންވާ ވަރަށް ހައުސިން ޔުނިޓް ގާއިމްކުރުން އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި މަނަދޫ ވެސް ހިމެނޭހެން 58 ރަށުގައި ހައުސިން ޔުނިޓް އެޅުން ހިމެނެ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ފަށާފައިވާ 40 ރަށުގެ މަޝްރޫއު ނުހިމެނެ އެވެ.
މަނަދޫގައި މިއަހަރު 50 ހައުސިން ޔުނިޓް ކަނޑައެޅުމަށް ނިންމި ނަމަވެސް އަންނަ އަހަރު ވެސް 50 ޔުނިޓް އަޅުއްވައިދޭނެ ކަމަށާއި، އެއްފަހަރުން މަޝްރޫއު ނިންމައިލީ ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި އަންނަ އަހަރަށް ވެސް އަޅުގަނޑުމެން އިތުރު މަޝްރޫއުތަކަށް އަނެއްކާވެސް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ [ނުވަތަ] 1،000 މިލިއަން ރުފިޔާ އެބަ ޖަހަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ފަސް ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން "ހިޔާވަހި" ނަމުގައި ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމަށް އަންނަ އަހަރު ވެސް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.