ދެ އަހަރުގެ ބަޖެޓެއް މި ސަރުކާރުން ތައްޔާރުކުރީ މި އަހަރާއި އަންނަ އަހަރު ހުރިހާ މަޝްރޫއެއް ފަށަން ކަމަށާއި އެއަށްފަހު މަސައްކަތް ކުރާނީ 2027 އާއި 2028 ގައި ފެށި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ނިންމުމަށެވެ.
ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް ހުރަސްނޭޅޭ ގޮތަށް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރިޔާސީ ވައުދުތައް ފުއްދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިއްޕަވައިފި އެވެ.
ނ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅުގެ ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުންނަށް ވައުދުވި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރަނި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ކަމަށެވެ.
"އެހެންވީމަ ވަރަށް ޕްލޭން ކުރެވިގެން. އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާ ގޮތަށް ޕްލޭން ކުރުމާ އެކީގައި ރައްޔިތުންނަށް ހުރި މިކަހަލަ އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން މި ތަރުތީބު ކުރަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"ޖުމްލަކޮށް ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއީ އަޅުގަނޑުގެ ޕްލޭނަކީ. މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށުގައި އަމަލީ މަސައްކަތް ފެށިގެން މިދަނީ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި، ހަ މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދެ އަހަރުގެ ބަޖެޓެއް މި ސަރުކާރުން ތައްޔާރުކުރީ މި އަހަރާއި އަންނަ އަހަރު ހުރިހާ މަޝްރޫއެއް ފަށަން ކަމަށާއި އެއަށްފަހު މަސައްކަތް ކުރާނީ 2027 އާއި 2028 ގައި ފެށި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ނިންމުމަށެވެ.