ރާއްޖޭގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް މެދުވެރިކޮށް ވެސް ބޭރުގައި ކުރާ މުއާމަލާތްތަކުގެ ލިމިޓު ވެސް އިތުރުކޮށްދީފަ އެވެ.
ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދާ ބަލި މީހުންނަށް ބޭންކުތައް މެދުވެރިކޮށް ލިބޭ ޑޮލަރުގެ އަދަދު، އަންނަ މަހުން ފެށިގެން އިތުރުކޮށްދީފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރައީސް ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ހަމަ އެ ތާރީހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް އަންގަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް މެދުވެރިކޮށް ވެސް ބޭރުގައި ކުރާ މުއާމަލާތްތަކުގެ ލިމިޓު ވެސް އިތުރުކޮށްދީފަ އެވެ.
މިގޮތުން، ބޭރުގައި ކިޔަވާ ދަރިވަރުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން، ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ޑެބިޓުކާޑުތަކުގެ ލިމިޓު ވެސް ވަނީ މި ފަހުން ބޮޑުކޮށްދީފަ އެވެ.