އޭގެ ތެރެއިން ވެސް އެންމެ މުހިންމީ ޓާމިނަލް ރަގަޅު ފެންވަރެއްގައި ހެދުން ކަމަށާއި އެކަން ކުރުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ފެންވަރުގެ ރަގަޅު ޓާމިނަލަކާއި ޓޫރިސްޓުންނަށް ތިބެވޭނެހެން ހޮޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫނު އަތޮޅަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް، މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އެކަށީގެންވާ ރަންވޭއަކާއެކު އެއާޕޯޓް ހުޅުވި ނަމަވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ބައިވަރު އެހެން ކަންކަން އަދިވެސް ކުރަން އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން ވެސް އެންމެ މުހިންމީ ޓާމިނަލް ރަގަޅު ފެންވަރެއްގައި ހެދުން ކަމަށާއި އެކަން ކުރުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަތޮޅުގަ ވަރަށް ގިނަ ރިސޯޓުތައް، ވަރަށް ގިނަ އެނދުތައް ހުރުމާ އަދި އިތުރުވުމުގެ މަރުހަލާގަ އޮތުމާއެކީގަ އެބައޮތް ވަރަށް ބޮޑު ޕޮޓެންޝަލްއެއް [ޓޫރިޒަމަށް]. އެހެންވީމަ މިތަނުގަ ހުންނަން ޖެހޭ އެހެން ކަންތައްތައް ވެސް އެބަހުރި އެއާޕޯޓުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ފުޅާވަމުންދާ ސަރަހައްދެއް ކަމުން، އެ އަތޮޅަށް އަންނަ ޓޫރިސްޓުން ތިބުމަށް އެއާޕޯޓުގައި ހޮޓަލެއް ހުރުން ވެސް ވަރަށް މުހިންމު ކަމަށެވެ. އެވެސް ޕްލޭންގައި އޮތްކަމެއް ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓްގެ މަސައްކަތް ކުރި ފަރާތްތަކާއެކު އެކަންކަން ކުރުމަށް ސަރުކާރުން ވާހަކަދައްކަމުންދާ ކަމަށާއި، އެފަރާތުން ސިރާސާތަކެއް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ކޮންމެސް އެއްގޮތަކުން އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް އެއާޕޯޓަށް ގެންނަން ބޭނުންވާ ވަށައިޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް މިދެންނެވި ކަންކަމަށް ރިއާޔަތް ކުރެވިގެން، ޓާމިނަލްއާ ދެންވެސް މިހިރަ ކަންކަން ކުރުމުގެ ވިސްނުމުގަ އަޅުގަނޑުމެން މި ކުރިއަށް ދަނީ،" މާލަސްތަކެއް ނުވެ އެމަސައްކަތްތައް ކުރަން ފަށާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓަށް ވައިޑް ބޮޑީ މަތިންދާ ބޯޓަށް ޖެއްސޭ ވަރަށް ތަރައްގީކޮށް ހުޅުވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ގައުމީ އެއާލައިންއިން ބަލަހަަށްޓަކުން ގެންދާ މި އެއާޕޯޓު ހުޅުވުމަށްފަހު ހިންގި ތަރައްގީ ކުރުމުގެ ދެވަނަ މަަޝްރޫއު ނިމިގެން ދިއުމާއެކު މިހާރު މި އެއާޕޯޓްވެފައިވަނީ ވިއައިއޭ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ވަައިޑް ބޮޑީ ބޯޓު ޖެއްސޭ ހަމައެކަނި އެއާޕޯޓަށެވެ.