އެހުށަހެޅުމާ އެއްގޮތަށް ގައިރު ހާޒިރުގައި ހުކުމުގައި، މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރި ވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ އަބުރަށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އެރި ކަމަށް ސިވިލް ކޯޓުގައި ސާބިތުވެއްޖެ އެވެ.
މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްލާއިލް އަދި އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރެއްވީ މެޑަމް ސާޖިދާ އެވެ. ދައުވާ ކުރެއްވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާ ކުރީ އުމައިރު ވޭޕް ކުރަން ފެއްޓެވުމުން ކަމަށް ބުނެ ވާހަކަތަކެއް ދެއްކުމުންނެވެ.
އެކަމާ ގުޅިގެން ސިވިލް ކޯޓުގައި މަދަނީ ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި، މައާފަށް އެދެން އެންގުމަށް ވެސް އެދިފައިވެ އެވެ.
މި މައްސަލައިގައި މަންދީއަށް ޖަވާބުދާރީވާން ކޯޓުން ދިން މުއްދަތުގައި، ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. މުއްދަތުގެ ފަހުން ޖަވާބު ހުށަހެޅި ނަމަވެސް މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ އެ ޖަވާބު ބަލައި ނުގަނެ، ގައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.
އެހުށަހެޅުމާ އެއްގޮތަށް ގައިރު ހާޒިރުގައި ހުކުމުގައި، މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރި ވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް، މައާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން މަންދީ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރެއްވޭނެކަމަށް ވެސް ހުކުމުގައިވެ އެވެ.
އަދި، އުމައިރަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީއާއި ފައްޔާޒް ޒިންމާދާރު ކުރެވޭނީ މުޅި މައްސަލަ ބަލައިގެން ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން މި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުން ބަލައިގެންފައި ނުވާތީ އެ ނިންމުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީ ކުރި ނަމަވެސް މައްސަލަ އަދި ކުރިއަކަށް ނުދެ އެވެ.
މި ކަމާ ގުޅިގެން ސާޖިދާ ވަނީ ފެމެލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގްވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.