ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމަށެވެ.
ރައީސް އޮފީހުން ބުނީ ދެ ދުވަހަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްއާއެކު ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުތަކާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތްފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސްގެ ހާއްސަ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާއިރު އަންނަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހެވެ. މި ދަތުރުފުޅާއި މިނިވަން ދުވަސް ދިމާވުމަކީ މި ދަތުރުފުޅު އިތުރަށް ހާއްސަވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.