ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 30 ޕަސެންޓް ދަށުގައި އޮތް މި މާކެޓުން މިހާރު އެވްރެޖުކޮށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ފެނެ އެވެ.
އިންޑިއާ މާކެޓުން ކުރިއެރުން ލިބި އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު 70،000 އަށްވުރެ މައްޗަށް އަރައފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަނީ 71,010 އަށް އަރާފަ އެވެ. މިއީ މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު މިވަރަށް އެ ގައުމުން އަންނަ މީހުންގެ އަދަދު އިތުރުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް މީގެ ތިން އަހަރު ކުރިއަށް ބަލާއިރު އިންޑިއާ އޮތީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އެއްވަނަ ގައުމުގެ ގޮތުގަ އެވެ. ނަމަވެސް މިހާރު އިންޑިއާގެ ދަރަޖައަކީ ޓޫރިޒަމްގެ ހަ ވަނަ އެވެ. އެ ގައުމަކީ ހަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެފައި މިވަނީ އެ މާކެޓުން ރަނގަޅު ކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަން ފެށުމުންނެވެ. މި މަސައްކަތްތަކާއެކު 30 ޕަސެންޓް ދަށުގައި އޮތް މި މާކެޓުން މިހާރު އެވްރެޖުކޮށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ފެނެ އެވެ. އިންޑިއާގައި އިސްތިހާރު ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އިންޑިއާ މާކެޓަށް ފޯކަސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެގޮތުން، އިންޑިއާގެ ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރުން ތިބި ފަސް ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން މިދިޔަ އީދުގައި އިންޑިއާގެ އެންމެ މަޝްހޫރު ޑައިރެކްޓަރު ފަރާހާން ރާއްޖެ ގެނެސް އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއްވެސް ހިންގި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި އެއް މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.5 ޕަސެންޓުގެ އިތުރުވުމެކެވެ.