މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދު މޫސުން ވަރަށް ގޯސްވާނެ އެވެ. މިގޮތުން ގަޑިއަކު 30-25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އަންދާޒާ ކުރެއްވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުންވަމުންދާއިރު ހއ އިން ފ އަށް ރީނދޫ ސަމާލެއް ނެރެ، ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދު މޫސުން ވަރަށް ގޯސްވާނެ އެވެ. މިގޮތުން ގަޑިއަކު 30-25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އަންދާޒާ ކުރެއްވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ އެވެ. މި ރީނދޫ ސަމާލު ނެރެފަައިވަނީ މިއަދު މެންދުރު 13:30 ފެށިގެން ހަވީރު 17:30 ހާހަމައަށްށެވެ. ކުރިން ސަމާލު ނެރެފައިވަނީ މެންދުރު ފަހު 15:30 އާއި ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް މިދިޔަ 24 ގަޑިއިރު ވަނީ ހިނގާފަ އެވެ. ފަތިހު ހުޅުމާލެއަށް ހުޅުމާލެ އަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހިފައިވެ އެވެ. ވައިގެ ބާރުގަދަކަމުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ގަސް ވެއްޓުނެވެ. އަދި ހިޔާ ފްލެޓް ކައިރީ ހުރި ސައިކަލްތަކެއް އެއްލާލާގައި ގެއްލުންވެފައިވެ އެވެ. އަދި ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް ރިޕޯޓްކޮށްފައިވެ އެވެ. މިގޮތުން ފުލުހުން ވަނީ މިފަދަ ބައެއް ހާދިސާތަކުގައި އެހީތެރިކަން ދީފަ އެވެ. މިގޮތުން ގއ. މަޑަވެލިން ފުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއެއް ހިމެނެ އެވެ. މި ހާދިސާގައި ބަނޑުން ޖަހާލި ޑިންގީ އާއި އޭގެން ދަތުރު ކުރި ދެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ފުލުހުން ދިޔައިރު ދެ މީހުން ތިބީ ބަންޑުން ޖަހާލި ޑިންގީގެ މަތީގަ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ސިފައިން ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބނީ ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށާއި މުޅިރާއްޖެ އަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކަނޑު މަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސް ކުރެ އެވެ.