މި ބްރޭންޑަކީ ރައީސް އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.
ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔޭގައި މާކެޓުކޮށް ބޭނުންކުރަން ހާއްސަކޮށް ތައާރަފުކުރި "ފްރޮމް މޯލްޑިވްސް" ބްރޭންޑް އިނގިރޭސިވިލާތުގައި ލޯންޗްކޮށްފި އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ މުހިންމު އުފެއްދުންތައް ކަމަށްވާ ޕައުޗް އާއި ދަޅުމަސް އެންމެ ގިނައިންދާ އެއް މާކެޓް ކަމަށްވާ ޔޫކޭގައި މި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އައު ގައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ތައާރަފުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސް އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.
ޔޫކޭ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ތައާރަފުކުރި ބްރޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ މަސްދޯނި ފަހަރުގެ ބައްޓަމާއި މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއްކަމެވެ.
މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަން ވެސް މި ބްރޭންޑުން ދައްކުވައިދެ އެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތެވެ. އަދި މިއީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް ލިބިގެންދާ ކުރިއެރުމެއް ވެސް މެއެވެ.