ޑީއެމްޑީ މުޖުތަބާ ވިދާޅުވި ގޮތުގައި މިހާރުގެ މެނޭޖުމަންޓް އައިއިރު ޓާމިނަލް ހިދުމަތް ދޭން ބޭނުންވާ މަސައްކަތުގެ 65 ޕަސެންޓް މަސަކަތް ހުރީ ނުނިމި އެވެ. އަދި މުހިންމު މަސައްކަތްތަކަށް ފައިސާނެތްކަން ފާހަގަ ކުރެއްވި އެވެ.
މިދިޔަ އަށް އަހަރު ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ނިމުނީ ހަތަރު ފާރާއި ފުރާޅު ކަމަށާ ބާކީ އޮތް ބޮޑުބައި ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ޕީއެސްއެމް ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ޓާމިނަލެއް އަޅައި ތިން އަހަރު ތެރޭގައި ހިދުމަތް ދޭން ފަށޭނެ ކަމަށާ ނަމަވެސް 2016 ވަނަ އަހަރު ބިންގާ އެޅި ޓާމިނަލް މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ނިމުނީ %50 މަސައްކަތް ކަމަށް ބުނެވިދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ނުނިމިހުރި މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި އެ މަސައްކަތްތައް މި ސަރުކާރުން ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް ހިމެނޭހެން ބޮޑުބައިގެ މަސައްކަތް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
"މި 50% ހަމައެކަނި [ސައޫދީ ބިންލާދިން] އާ ހަވާލުކުރި ޓާމިނަލް އެކަނި. ޓާމިނަލް ނިމުނަސް އޮޕަރޭޝަނަލައިޒްއެއް ނުކުރެވޭ. ޓާމިނަލް މަސައްކަތް އޮޕަރޭޝަނަށް ގެންނަން ބޭނުންވާ 65 ޕަސެންޓް މަސައްކަތް އޮތީ ނުކުރެވި،" މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޓާމިނަލްގެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައި ކަމަށާ އެހެންނަމަވެސް ކޮންޓްރެކްޓާސްގެ ލޭބަރުން ތިބި ކަމަށެވެ. "ކޮންޓްރެޓާސް އަށް ދޭން ޖެހޭ ފައިސާތަކެއް ނުދެވި އޮތީ ހުއްޓިފަ،" ނުޖުތަބާ ވިދާޅުވި އެވެ.
އެއާޕޯޓުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މުޖުތަބާ ވަނީ ޓާމިނަލް މަސައްކަތް ހިދުމަތަށް ގެންނަން ބޭނުންވާ އެންމެ މުހިންމު ބައިތައް ފެށޭނެ ގޮތެއް ވެސް ނެތް ކަމަށާ ފައިސާއެއް ވެސް ނެތްކަން ފާހަގަ ކުރައްވާފަ އެވެ.
މިގޮތުން، އޭނާ ފާހަގަ ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ޓާމިނަލް ފްލައިޓުތައް ޕާކުކުރާ ރޭމްޕާއި ދެމެދު އޮންނަ ހެޑް އޮފް ސްޓޭންޑް ރޯޑު ގެ އެއްވެސް މަސައްކަތެއް މި މަޝްރޫއުގައި ނެތުމެވެ. މީގެ އިތުރުން ކޮމާޝަލް އޭރިއާ ހެދުމުގެ މަސައްކަތް ވެސް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތް ކަމަށާ އެކަމަށް ފައިސާވެސް ހަމަޖެހިފައި ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެމްއޭސީއެލްގެ ޑީއެމްޑީ މުހައްމަދު ލައްމާން ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރީ މި ސަރުކާރު އައިސް ކަމަށާ އެގޮތަށް ބަލާނަމަ ޓާމިނަލްގެ މިލްކްވެރިކަން އޮތީ އެމްއޭސީއެލް މުވައްޒަފުންގެ އަތުގައި ކަމަށް ބުނެވިދާނެ އެވެ.
"އެމްއޭސީއެލްގެ މުވައްޒަފުންގެ މިންނަތް މަސައްކަތާއި ރައީސް ޑރ. މުއިއްޒު މި މަސައްކަތް ނިންމަން ދެއްވި ޕުޝްގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނީ،" ލައްމާން ވިދާޅުވި އެވެ.
އާ ޓާމިނަލް ތަރައްގީކޮށްފައި އެވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގަ ހިދުމަތް އަވަސްކޮށް ފުރހަމަވާނެ ގޮތަށެވެ. މި ތަރައްގީއާއެކު މިހާރު ހިދުމަތްދޭން ނަގާ މުއްދަތާ ބަލާއިރު ވަގުތު އެތައް ތަނެއް އަވަސް ވެގެންދާނެ އެވެ. މި ވަގުތު އަވަސް ވުމަކީ އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް އެންމެ ޕީކް ދުވަސްތަކާއި ގަޑިތަކަށް ފްލައިޓް ސްލޮޓް ދޭން ލިބޭނެ ފުރުސަތެކެވެ. އިތުރު ސްލޮޓް ދެވިއްޖެނަމަ މިހާރު ޕީކް ދުވަސްތަކުގައި އަންނަ ޓޫރިސްޓުންގެ އަދަދު 10،000 އަށް މައްޗަށް ޖެއްސޭނެ އެވެ.
ހިދުމަތް އަވަސްކުރަން އާ ޓާމިނަލްއާއެކު އަންނާނެ ބަދަލުގެ ކުޑަ މިސާލަކަށް ބަލާނަމަ އަލަށް ބެހެއްޓި ބެގޭޖު ސްކްރީން ނިޒާމު ހިމެނެ އެވެ. މިއީ ގަޑިއިރެއް ތެރޭ 1200 ދާގީނާ އަދި މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކޮށްލެވޭނެ ނިޒާމެކެވެ. މިއީ ވީއައިއޭގެ ތޮއްޖެހުން ކުޑަ ވެގެންދާނެ ނިޒާމެކެވެ. އަދި އޭއޯބްރިޖުގެ ސަބަބުން ވެސް ހިދުމަތް އަވަސް ވެގެންދާނެ އެވެ. މިހާރު ފަސިންޖަރުން ބަހަށް އަރަައިގެން ބޯޓަށް ދާން އެންމެ މަދުވެގެން 30 މިނެޓު ނަގަ އެވެ. ނަމަވެސް އޭރޯބްރިޖާއެކު މި ވަގުތު އަށް މިނެޓަށް އަވަސް ވެގެންދާނެ އެވެ. އަވަހަށް ހިދުމަތް ދެވިއްޖެނަމަ އިތުރު ސްލޮޓް ދެވޭނެ އެވެ.