މި ތަކެތި ރާއްޖެ އެތެރެ ކުރުމުގައި އެންމެ އިސްކޮށް ހުރީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން މާލެއަށް އެތެރެ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ހޯދާފައިވެ އެވެ.
މި ތަކެތި ރާއްޖެ އެތެރެ ކުރުމުގައި އެންމެ އިސްކޮށް ހުރީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޝަރީއަތް ހިންގާފައި ވަނީ އިރުފާންގެ އިތުރުން ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރާއި، ގ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.
މި މައްސަލަ އިސްތިއުނާފް ކުރުން ލަސްވެފައި ވަނީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވެފައިވާތީ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އަހުމަދު ނަސީރަށް އޮތް ތުހުމަތު ކުރަނީ މަސްތުވާތަކެތި މަސް ދޯނިން ބޭލުމަށް ފަހު، މާލެއަށް ގެނައި ކަމަށް ބުނާ ލޯންޗު ދުއްވި ކަމެވެ. އަދި، އަކްރަމަކީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތެވެ.