އަދު ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާގެ ތިރުވަނަންތަޕޫރަމްއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އއ. މާޅޮހުގައި މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު ބޮޑެތި ޒަހަމްތަކެއް ލިބުމުގެ ސަބަބުން މަރުވި އުމުރުން 65 އަހަރުގެ އެ ރަށު، އޯކިޑްމާގޭ އަބްދުލްރަހްމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވަން ނިންމައިފި އެވެ.
އަބްދުލްރަހްމާނަށް ވަނީ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދީފަ އެވެ. އޭނާގެ ބޮލުގައި މަރުތޭލު ޒާތުގެ އެއްޗަކުން ޖަހައި ބޯ ވަނީ ޗިސްކޮށްލައިފަ އެވެ. އޭނާ މަރުވެފައި ވަނީ ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނިކޮށް އެރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެދުވަހު ހެނދުނު ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން މިއަދު ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާގެ ތިރުވަނަންތަޕޫރަމްއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮޓޮޕްސީ ހަދަނީ އޭނާ މަރުވި ސީދާ ސަބަބު ދެނެގަތުމަށެވެ.
އަބްދުއްރަހްމާންގެ މަރަށް ހަތަރު ދުވަސް ވެފައިވާއިރު، މިހާތަނަށް ގާތިލަކު ހޯދިފައެއް ނުވެ އެވެ. ފުލުހުންގެ ހާއްސަ ޓީމެއް ދަނީ މާޅޮހުގައި ތަހުގީގު ހިންގަމުންނެވެ. އެރަށު މީހުންގެ ބަޔާން ނެގުމާއި ތަންތަން ބަލައި ފާސްކުރުން ފަދަ ކަންކަން ރަށުތެރޭގައި ދަނީ ކުރަމުންނެވެ. ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.