މޮރޮކޯގެ ޒުވާން އަންހެނަކު އޭޑީކޭގައި މަރާ ހަނގުރާމަ ކުރަނީ؛ ބައިވަރު ސުވާލު

ނެޒާގެ އެކުވެރިޔާ ބުނި ގޮތުގައި ހޮސްޕިޓަލަށް ދިއުމުން އެއް ފަހަރު ނެޒާ ފެނުނެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާއެއް ވެފައި ވެއެވެ. ނަމަވެސް ބަގީން ވެއްޓި ގެނބިގެން މަރުވީ ކަމަށް ގަބޫލު ނުކުރެވެ އެވެ. ނެޒާއަކީ ކުރީން ރެޑްކްރެސެންޓްގައި މަސައްކަތް ކުރި. ރަނގަޅަށް ފަތަން ދަންނަ ޒުވާނެކެވެ.

ނެޒާ އޮބްލާ: މި ޒުވާނާއަށް ދިމާވީ ހާދިސާގައި ފޮރުވުމެއް ވާ ކަމަށް އޭނާގެ ގާތް މީހަކު "މި" ނޫހަށް ބުނެދިން
  •  އެއްވެސް ދިމާއަކުން މައުލޫމާތެއް ނުދޭ
  •  އާއިލާއިން އެދެނީ މުޅި މައްސަލަ ރަނގަޅަށް ސާފުކޮށްދޭން
  •  ނެޒާގެ ހާލު ވަރަށް ދެރަ، ބޮލުގައި ޒަހަމެއް ހުރި

މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި އޮތް މޮރޮކޯގެ ޒުވާން އަންހެނަކު މަރާ ހަނގުރާމަ ކުރަނީ އެވެ. އޭނާއާ ގުޅޭ ބައިވަރު ސުވާލުތައް އުފެދެމުން ދަނީ އެވެ، އެއްވެސް ދިމާއަކުން ވާހަކައެއް ދައްކާކަށް ޖަވާބެއް ހޯދައިދޭކަށް ނޫޅެ އެވެ؛ މިހާތަން އެނގެނީ ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގައި މަސައްކަތް ކުރަމުން އައި މޮރޮކޯގެ ނެޒާ އޮބްލާއަށް އޭޑީކޭގައި ފަރުވާ ދެމުން ދާއިރު ނެޒާ ހާލު ވަރަށް ދެރަވެފައި އެހައި ގޯސް ހިސާބަކަށް ގޮސްފައި އޮތް ކަމެވެ. އެ ޒުވާނާ އޭޑީކޭގެ އައިސީޔޫގައި "މަރާ ހަނގުރާމަ ކުރަމުންދާ" އިރު މީގެ ހަތަރު ދުވަސް ކުރީން އޭނާ މުޅީން ބަރާބަރެވެ. ހުރީ ރަނގަޅު ސިއްހަތެއްގައި ހެޔޮ ހާލުގަ އެވެ. އުޅުނީ ރިސޯޓްގެ މިނިވަން މާހައުލުގައި ރީއްޗަށް އުފަލުގަ އެވެ.

އެކަމަކު މިހާރު ނެޒާގެ ހާލު ވެސް ރަނގަޅަށް އެނގޭ މީހަކު ނެތެވެ. އެގެނީ ހާލު ސީރިއަސް ކަމުން އައިސީޔޫގައި އޮތް ކަމެވެ. މި ހަބަރާއެކު ނެޒާގެ އާއިލާއާ ހަމައަށް ފޯރައި އެ މީހުން ވަނީ ގިނަ ސުވާލުތަކެއް ވަނީ އުފައްދާން ފަށާފަ އެވެ. ނެޒާއަށް އޭޑީކޭގައި ފަރުވާ ދޭން ފެށުމާއެކު އެކަން އާއިލާއަށް އެނގުނު ހިސާބުން ފަށައި އާއިލާ އިން މަސައްކަތް ކުރީ މާލޭގައި ތިބި މޮރޮކޯގެ ބައެއް މީހުނާ ގުޅައިގެން އެ ހަގީގަތް ބަލާށެވެ. ނެޒާއަށް ކަންދިމާވި ގޮތެއް ބަލައިދޭން އެ އާއިލާ ދަނީ ހުއްޓާ ނުލައި އެދެމުން އާދޭސް ކުރަމުންނެވެ.

މަރާ ހަނގުރާމަ ކުރަމުން ގެންދާ ނެޒާއާ ގުޅޭ ގޮތުން އެހައި ބައިބަރު މައުލޫމާތެއް އަދި ނެތެވެ؛ ރާއްޖޭގެ އެއްވެސް ރަސްމީ ދިމާއަކުން އަދި ރިސޯޓުން ވެސް އެ މައުލޫމާތެއް ނުދެ އެވެ.

ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން މިހާތަނަށް ބުނީ ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓްގެ ޖެޓީ މަތީ ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓިގެން އޮކްޓޫބަރު 30 ވަނަ ދުވަހު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ އެ ރޭގެ 11:10 އެހާކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާ ދިމާވީ މޮރޮކޯގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުުންދާ ކަމަށެވެ. އުމުރުން 26 އަހަރުގެ ޒުވާނާގެ ހާލަތާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ހަމައެކަނި ބުނީ "ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން،" ކަމަށެވެ. އެއީ އާންމު އާދައިގައި ބުނާ ވާހަކައެކެވެ.

ނެޒާ އޮބްލާ: އޭނާ ވަޒީފާ އަދާ ކުރަމުން އައީ އަނަންތަރާ ކިހަވައް ރިސޯޓުގައި

ނެޒާގެ ހާދިސާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް މޮރޮކޯގައި އޮތް ނެޒާގެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާ ވެސް ހެދި އެވެ.

ނެޒާގެ އެކުވެރި މޮރޮކޯގެ އަންހެނަކު ވަނީ "މި" ނޫހުގެ ނޫސްވެރިޔަކާ ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި އޮކްޓޫބަރު 30 ވަަނަ ދުވަހުގެ ރޭ ނެޒާ، ނިދަން ރިސޯޓުގެ ކޮޓަރިއަކަށް ނުދެ އެވެ. އަދި އޭނާގެ ހަބަރެއް ނުވެގެން އުޅެނިކޮށް މޫދުތެރެއިން ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. ފުރަތަމަ ފެނުނީ ވެސް ރިސޯޓަށް ޗުއްޓީއަށް އައިސް އުޅުނު ފަތުރުވެރި އަކަށެވެ. އަދި ކަން ދިމާކުރި ގޮތުން ފެނުނު އެ މީހާއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ ނެޒާއަށް ފަރުވާއެއް ދެވޭތޯ އެ މަަސައްކަތް ކުރިއެވެ. އޭރު މޫދުތެރޭގައި ބަގީއެއް ވެސް އޮތެވެ. ޓޫރިސްޓު ޑޮކްޓަރުގެ މަސައްކަތާއި ފަރުވާއިން ނެޒާގެ ހާލަތަށް އެއްވެސް ހެޔޮ ބަދަލެއް ނުގެނެވުނެވެ. އޭގެ ފަހުން ފުރަތަމަ ނެޒާ ގެންދިޔައީ ކައިރީ އޮތް ރިސޯޓަކަށެވެ. މާލެ ގެނައީ އޭގެ ފަހުންނެވެ.

"އެހެންވީމަ ފުރަތަމަ ކަމަކަށް ހާދިސާ ހިނގި ކަމަށް ފުލުހުން އެ ބުނާ ގަޑި ރަނގަޅެއް ނޫން! ނެޒާގެ ހަށިގަނޑު ފެނުނީ ވެސް ހެނދުނު. ދެން ކިހިނެތް ރޭގަނޑު 11:10 ގައި ރިސޯޓުން އެކަން ފުލުހަށް އަންގާނީ،" ހާދިސާއާ މެދު ސުވާލު އުފައްދަމުން މޮރޮކޯގެ އެ މީހާ ބުންޏެވެ.

އެހެންވީމަ ފުރަތަމަ ކަމަކަށް ހާދިސާ ހިނގި ކަމަށް ފުލުހުން އެ ބުނާ ގަޑި ރަނގަޅެއް ނޫން! ނެޒާގެ ހަށިގަނޑު ފެނުނީ ވެސް ހެނދުނު. ދެން ކިހިނެތް ރޭގަނޑު 11:10 ގައި ރިސޯޓުން އެކަން ފުލުހަށް އަންގާނީ،

ނެޒާގެ އެކުވެރިޔާ

އޭނާ ޔަގީންކޮށް ދިން ގޮތުގައި ނެޒާ އަކީ ބަގީ ދުއްވާ މީހެއް ނޫނެވެ. އެހެންވީމަ ބަގީ ދުއްވަން އުޅުމުގެ ތެރޭގައި މޫދަށް ވެއްޓެން ޖެހޭ ސަބަބެއް ނެތެވެ. މި ހާދިސާއާ ގުޅިގެން މައުލޫމާތު ހޯދަން އެ މީހުން ވަރަށް ގިނަ މަސައްކަތް ކުރި ކަމަށް ވެސް "މި" ނޫހާ ވާހަކަ ދެއްކި ނެޒާގެ އެ ރަހުމަތްތެރިޔާ ބުންޏެވެ. އޭނާއަކީ ނެޒާގެ އާއިލާގެ ވެސް ގާތް ރަހުމަތްތެރިއެއް ކަމުން އާއިލާއިން އެދޭ ސުވާލުތަކަށް ޖަވާބު ހޯދަން ވަރަށް ބޭނުންވި އެވެ.

އޭނާ ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން މިހާތަނަށް ވެސް ރިސޯޓުން އެއްވެސް މައުލޫމާތެއް ނު ދެއެވެ. އޭޑީކޭއަށް ގޮސް ނެޒާގެ ކައިރީގައި ހުރި އެ ރިސޯޓްގައި މަސައްކަތް ކުރާ މޮރޮކޯ މީހަކާ ސުވާލު ކުުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެ އެވެ. ރިސޯޓްގައި ތިބި ދިވެހި މުވައްޒިފުންނާއި ސުވާލު ކުރުމުން މި މައްސަލާގައި ވާހަކަ ނުދައްކަން މެނޭޖްމަންޓުން އަންގާފައިވާކަން ވެސް އޭނާއަށް އެނގުނެވެ.

ތަފުސީލަށް ދާން ވެގެން އެ ވާހަކަ ފެށީ މިހެނެވެ:

"ސުވާލަކީ ބަގީން ވެއްޓިގެން ހާދިސާއެއް ހިނގި ނަމަ އެ މައުލޫމާތު ވަގުތުން ނުދެވޭންވީ ކީއްވެހޭ؟ އަނެއްކާ އެއީ ހިނގި ހާދިސާއެއް ނަމަ އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން މުވައްޒަފުންނަށް އަންގަން ޖެހޭ ސަބަބެއް ނެތް! މި ހުރީ ހައްތާ ވެސް ސުވާލު އުފެދޭ ކަންކަން،"

އޭނާ ބުނި ގޮތުން ރިސޯޓުން މިހާރު މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ނެޒާގެ ހަށިގަނޑު މޮރޮކޯއަށް ފޮނުވާލާށެވެ. ނަމަވެސް އާއިލާއިން އެދެނީ އޭނާގެ ހާލަތު އެންގުމަށް ފަހު އަދި ވީގޮތް ސާފު ކޮށް ދިނުމަށެވެ. އޭގެ ފަގަށް ނެޒާގެ ހަށިގަނޑު ގައުމަށް ފޮނުވައި ދޭށެވެ.

"ކުރީން އާއިލާއަށް އެންގި އުންމީދެއް ނެތް ކަމަށް! މަރުވި ކަމަށް ކަނޑަ ނޭޅިޔަސް މަރުވެފައިވާ [ކްލިނިކަލީ ޑެޑް] ކަމަށް ވެސް. އެހެންވީމަ އާއިލާ އިން ހޯދި ނެޒާ ހިނަވާނެ މީހެއް ވެސް. އާއިލާއިން އޭރު އެންގި މަރުވެފައި ވާނަމަ ހިނަވާފައި ގައުމަށް ފޮނުވައި ދޭން! އެކަމަކު އެ ފަހުން ނުބުނޭ މަރުވެފައި ކަމެއް... އަދި ނެޒާގެ ހާލަތަކީ ކޮބައިކަމެއް ވެސް،"

ނެޒާގެ އެކުވެރިޔާ ބުނި ގޮތުގައި ހޮސްޕިޓަލަށް ދިއުމުން އެއް ފަހަރު ނެޒާ ފެނުނެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާއެއް ވެފައި ވެއެވެ. ނަމަވެސް ބަގީން ވެއްޓި ގެނބިގެން މަރުވީ ކަމަށް ގަބޫލު ނުކުރެވެ އެވެ. ނެޒާއަކީ ކުރީން ރެޑްކްރެސެންޓްގައި މަސައްކަތް ކުރި. ރަނގަޅަށް ފަތަން ދަންނަ ޒުވާނެކެވެ.

"ކަމެއް ހިނގައިފާނެ! އެކަމަކު ބަގީ ނުދުއްވާ މީހަކު ބަގީ ދުއްވައިގެން ވެއްޓެންވީ ކީއްވެ؟ ނެޒާ ފެނުނީ ހެނދުނު ކަމަށްވީއިރު ކުރީ ރޭ އެ ހާދިސާ ފުލުހަށް ރިޕޯޓް ކުރާނީ ކިހިނެތް؟ އާއިލާއަށް މި ބޮޑު ހާދިސާގެ މައުލޫމާތު ނުދީ އޮތީ ކީއްވެ؟ އެ ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ނުދައްކަން މުވައްޒަފުންނަށް އެންގީ ކީއްވެ؟ ބަގީން ވެއްޓުނު ކަމަށް މި ބުނީ ވެސް ދެ ދުވަސް ފަހުން. އެއީ ހިނގި ހާދިސާއެއް ނަމަ އެ މައުލޫމާތު ނުދީ ލަސްކުރީ ކީއްވެ،" އެކުވެރި އެ މީހާ ތަކުރާރުކޮށް އެ ސުވާލުތައް ކުރަމުން ދެ އެވެ.

އޭނާ ބުނި ގޮތުގައި ނެޒާ މަރުވެއްޖެނަމަ މޮރޮކޯގައި އޮތް އާއިލާއިން އެދެނީ ޕޯސްޓްމޯޓަމް ހަދާ މަރުވި ގޮތް ބަލާށެވެ. މިކަމާއި ގުޅޭ ގޮތުން ރިސޯޓްގެ ބަހެއް އަދި އޭޑީކޭގެ ބަހެއްވެސް ނުލިބުނެވެ. އެހެންް ކަމުން އާއިލާގެ މި ތުހުމަތުތައް ސާފުވާ ގޮތެއް ނުވިއެވެ.

ނަމަވެސް އެ ރިސޯޓުން ވާހަކަ ދެއްކި މުވައްޒިފަކު ބުނި ގޮތުގައި ނެޒާ ބަގީ ދުއްވައެވެ. އަދި ރިސޯޓްގައި ވާހަކަ ދެކެވޭ ގޮތުން ކަން ހިނގީ ފުލުހުން މައުލޫމާތު ދިން ގޮތަކަށެވެ.

ކޮމެންޓް

2
450
...
1 year ago

ނޭނގޭ ވާހަކަ ތައް ނުލިޔާނީ، ދޮގު ހަބަރު ނުފަތުރާ ހެޔޮ ދުއާ އެއް އޭނަޔާ އޭނަގެ އާއިލާއަށް ކުރިއްޔާ މާ ރަނގަޅު!

ޑިގްޑޮން
1 year ago

އަނެއްކާވެސް ފުލުހާއި ސަރުކާރާ ދިމާއަށް އަނެއް މައްސަލަހަނޑު މި ދަނީ ކަލޯ މެނޭ ސަރުކާރަށް ވާން މިއުޅެނީ ކިހިނެއް ކޮން ކަހަލަ މޫސުމެއްގެ ތެރެއަށްބާ ވަންނާން މިދަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.