"ވަޅި ރީތީ ތޫނިއްޔާ"| އާ ޓާމިނަލްގެ ރީތިކަމާ ގުޅުވައި ނަޝީދު ނެންގެވި މިސާލު

"އާ އެއާޕޯޓުގެ ސަބަބުން ޓޫރިސްޓުން އަންނަ ވަރު އިތުރުވާ މިންވަރާއި، އިގުތިސާދީ ކުރި އަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ، ވެލާނާ އެއާޕޯޓު ވަރަށް ރީތި."

އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ރީތި ވާނީ، އެ ތަނުގެ ސަބަބުން އިގްތިސާދީ ކުރިއެރުން އައުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާ ޖުލައި 26 ގަ އާ ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންކްރީޓާއި ޕްލާސްޓިކްގެ އަވައިގައިޖެހި، އެއީ ތަރައްގީކަމަށް ދެކުމަކީ ހަނި ވިސްނުމެއް ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ވެސް ރީތި ވާނީ، ވަޅި ރީތީ ތޫނު ކަމަށް ބުނާ މިސާލުގަ،" ނަޝީދު ވިދާޅުވި އެވެ.

"އާ އެއާޕޯޓުގެ ސަބަބުން ޓޫރިސްޓުން އަންނަ ވަރު އިތުރުވާ މިންވަރާއި، އިގުތިސާދީ ކުރި އަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ، ވެލާނާ އެއާޕޯޓު ވަރަށް ރީތި."

ނަޝީދު ކުރެއްވި ޕޯސްޓާ ގުޅުވައި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް އާ ޓާމިނަލް ނިންމަން މި ސަރުކާރުން ބޮޑު ހަރަދު ކުރުމުން އެކަމަށް ފާޑުވިދާޅުވެފަ އެވެ. 

ފައްޔާޒް ވިދާ:ުވި ގޮތުގައި، ވެލާނާ އެއާޕޯޓު ތަރައްގީކުރުމަށާއި، ހިންގުމަށް ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެކެވެ.

"މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނިން. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ ކަމަށެވެ.  

"އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯ އެވެ؟ އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެ އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު އެ ބޭކާރު ހަރަދަށްވުރެ އެ އެއާޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންބާވަ އެވެ؟،" އޭނާ ސުވާލު ކުރެއްވި އެވެ. 

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވީއައިއޭގެ އާ އިންޓަނޭޝަނަލް މަޝްރޫއުގެ ނިމިފައި އޮތީ 54 ޕަސެންޓް މަސައްކަތް ކަމަށާއި، ކުރީ ސަރުކާރުތަކުން ކުރި މަސައްކަތްތަކަށް ކްރެޑިޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.