އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވީ ހުޅުމާލެ މަގުމަތީގައި ސިޔާސީ ހަރަކާތެއް ހިންގަން ހުއްދަ ދެވެން ނެތް ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ބާއްވަން އުޅުނު "ރަން ރީނދޫ" ދުވުން ބާއްވަން ހުއްދަ ނުދިނުމުން މާލޭގެ މަޖީދީ މަގުގައި ބާއްވަން ނިންމައިފި އެވެ.
ނިމިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން އެކި ހަރަކާތްތައް ބާއްވަން އޮތީ ރާވާފަ އެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ ދަންމަރެއް ހިފައިގެން ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ދުވުމެއް ބޭއްވުމެވެ.
މިމަހުގެ 18 ވަނަ ދުވަހު އެ ދުވުން ބާއްވަން ހުއްދައަށް އެދުމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ހުއްދަ ދީފައެއް ނުވެ އެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވީ ހުޅުމާލެ މަގުމަތީގައި ސިޔާސީ ހަރަކާތެއް ހިންގަން ހުއްދަ ދެވެން ނެތް ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ރުއްގަނޑު ސަރަހައްދުގައި އެ ހަރަކާތް ބޭއްވިދާނެ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ އެއީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. އެކަން އެޗްޑީސީއަށް އެންގި ނަމަވެސް އެކަން ގަބޫލުކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން މިހާރު އެ ދުވުން ބާއްވަން ނިންމާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ހަވީރު މާލޭގެ މަޖީދީމަގުގަ އެވެ. އެކަމަށް ހުރަސް އެޅިޔަސް ހަރަކާތް ކުރިއަށްދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މި ދުވުމުގެ ހުރިހާ ބައިވެރިން އަތުގައި ދަންމަރެއް އޮންނާނެ އެވެ. އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ގައުމަށް ކޮށްދިން ހިދުމަތްތައް ރަމްޒުކޮށްދޭ ދަންމަރެއް ކަމަށާއި، މި ދަންމަރު ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އެގޮތުން މާލޭގެ ހަރަކާތް ނިންމާލުމަށްފަހު ދެން އެޕާޓީން ދާނީ އެންމެ އުތުރުގައި އޮންނަ ރަށުން ފެށިގެން ދެކުނަށެވެ. މި ހަރަކާތް މުޅި ރާއްޖޭގައި ބާއްވާ ނިންމާލެވޭނެ ކަމަށް އެޕާޓީން ލަފާކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގަ އެވެ.
އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކުރި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބު 2008 ގައި ކާމިޔާބުކުރީ އެ ޕާޓީ އިސްކޮށް އުފެއްދި ކޯލިޝަނަކުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެސް އެޕާޓީން ވަނީ ރާއްޖޭގެ ވެރިކަން ކޮށްފަ އެވެ.