ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ އެވެ،" އެ އޮފީހުން ބުންޏެވެ.
ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.