ސިޔާމް، ޒާރާ އާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) އާމިނަތު ޒާރާގެ ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް، އެ ކައިވެނި ރޫޅާލައިފި އެވެ.
ބ. ކަމަދޫއަށް އުފަން ޒާރާ އަކީ މިދިޔަ ބޮޑު އީދުގައި އެރަށުގައި އޮތް އީދު ކުޅިވަރުތަކާއި ނެށުންތަކުން މަޝްހޫރުކަން ހޯދައި، އާންމުންގެ ލޯބި ހޯދި މީހެކެވެ. ސިޔާމް، ޒާރާ އާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ސަން ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ކައިވެނި ރުޅާލާފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލެއްވީ ވެސް ދެ ބޭފުޅުންގެ މެދުގައި ރީތި ގޮތުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސުލްހަވެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ސިޔާމް އަކީ އެއްވެސް މީހަކަށް ދެރަގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ.
އުމުރުފުޅުން 55 އަހަރުގެ ސިޔާމުއާއި 22 އަަހަރުގެ ޒާރާގެ ކާވެނީގެ ހަފުލާ ބާއްވާފައިވަނީ ސިޔާމުގެ އޮޅުވެލި ރިސޯޓުގަ އެވެ.