ހުރިހާ ވެރިކަންތަކެއްގައި ކުރި ހުރިހާ މަސައްކަތަކަށް ވެސް އެއިރެއްގައި ތިބި ވެރިންނަށް ކްރެޑިޓް ދޭން ޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް މަޝްރޫއުގެ ނިމިފައި އޮތީ 54 ޕަސެންޓް މަސައްކަތް ކަމަށާއި، ކުރީ ސަރުކާރުތަކުން ކުރި މަސައްކަތްތަކަށް ކްރެޑިޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިމަހު ފާހަގަކުރާ މިނިވަން ދުވަހު (ޖުލައި 26) ގައި ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
އެތަން ހުޅުވުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، އެތަނުގެ ކްރެޑިޓް ހައްގުވާ ވެރިޔަކާމެދު ޝޯޝަލް މީޑިގައި ސިޔާސީ ފަރާތްތަކުން ދަނީ ބަހުސް ކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ރައީސް މިއަދު ވިދާޅުވީ އެއާޕޯޓާ ގުޅޭ ހުރިހާ މަސައްކަތެއް ތާރީހުން ފެންނަން އެބަހުރި ކަމަށެވެ. އެހެންކަމުން ހުރިހާ ވެރިކަންތަކެއްގައި ކުރި ހުރިހާ މަސައްކަތަކަށް ވެސް އެއިރެއްގައި ތިބި ވެރިންނަށް ކްރެޑިޓް ދޭން ޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިހާރުގެ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގަ ފެށުނީ، ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އިތުރަށް މަސައްކަތްތަކެއް ކުރެވިފަ އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީ ހުރި މަސައްކަތްތައް މި ނިންމީ ދޮޅު އަހަރެއްހާ ދުވަސް ތެރޭ. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެ ކޮން މަސައްކަތެއް، ކޮން ވެރިކަމެއްގަ ކިހާވަރަކަށްކަން ކުރެވުނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ މަޝްރޫއެއް ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ލިބުނު ޓްރާންސިޝަން މުއްދަތުގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވައިލެއްވި ތަނަކީ ވެސް އެ ޓާމިނަލްގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވި އެވެ.
"ޓާމިނަލް ޕްރޮޖެކްޓްގެ 54 ޕަސެންޓް ކަންނޭގެ އޭރު ނިމިފަ އޮތީ އަޅުގަނޑުމެން ހަވާލުވުއިރުގަ. އަދި ޓާމިނަލް ޕްރޮޖެކްޓްގެ ޓާމިނަލް ނިމުނަސް ތަން ބޭނުމެއް ނުކުރެވޭ ހެޑް އޮފް ސްޓޭންޑް ރޯޑް ނެތިއްޔަކާ، އެހެން ގޮސްވެސް ބައެއް މަސައްކަތްތައް ހުރި [ނުކޮށް]."
ރައީސް ވިދާޅުވީ އޭރު ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިއާ ވެސް ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. މިހާރު ބަޔަކާ ހަވާލުކޮށްގެން، އެތަން ހުޅުވަންވާއިރަށް އެވަގުތަށް ބޭނުންވާ ވަރަށް ނިމެނޭ ކަމަށާއި ނަމަވެސް އެއްކޮށް އެ މަސައްކަތް ނިމޭނީ ސެޕްޓެމްބަރު ހިސާބުގައި ކަމަށެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ކުރީ ވެރިކަމެއްގަ ކުރި ކަމެއް ނުކުރާ ކަމަކަށް ނުދަންނަވާނަން. ރައީސް ޔާމީންގެ ވެރިކަމުގަ ފެއްޓެވީ ވަރަށް ބައިވަރު މަސައްކަތްތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ ވެސް ބައިވަރު މަސައްކަތްތަކެއް ކުރައްވާފަ ހުރީ، އަޅުގަނޑާ ހަވާލުވިއިރު ހުރި ގޮތް އަޅުގަނޑު މިދެންނެވީ،" ރައީސް ވިދާޅުވި އެވެ.