މިދިޔަ އަހަރުގެ މާލީ އަހަރު ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 27،490،370 ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައިވެ އެވެ. މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ގެއްލުންވާތާ ހަތަރު އަހަރަށްފަހު ފައިދާ ދައްކައިފި އެވެ.
މިކަން ހާމަކުރި އެ ކުންފުނިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގަ އެވެ. މި އަހަރީ އާންމު ޖަލްސާ ވެގެންދިޔައީ ފައިދާއަށް އެނބުރި އައުމާއި ވަރުގަދަ މާލީ ޑިސިޕްލިން އާއި ސްޓްރެޓެޖިކް އިސްލާހުތަކެއް ގެނައުމުގެ މުހިންމު އަހަރަކަށް އަލިއަޅުވާލާފައިވާ ޖަލްސާއަކަށެވެ.
އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އަހަރު ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 27،490،370 ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައިވެ އެވެ. މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ. އަދި 2023 ވަނަ އަހަރު އެމްއެމްޕީއާރުސީ އިން ވަނީ 17،997،662 ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ. މި ބަދަލަކީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމުގެ އިޝާރާތެކެވެ.
އެމްއެމްޕީއާރުސީ ދަނީ ޑެސްޓިނޭޝަން މާކެޓިން 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނައެވެ . މިކެމްޕޭންތަކުގެ ސަބަބުން ރާއްޖެއަށް ވާދަވެރި ކުރިއެރުންތައް ލިބެމުން މި އަންނަނީ ދުވަހުން ދުވަހަކަށް ޑައިނަމިކްވަމުން އަންނަ ގްލޯބަލް ޓްރެވަލް ލޭންޑްސްކޭޕް އެއްގަ އެވެ.
ޓޫރިޒަމް ޕާފޯމަންސް އިން ވެސް ވަނީ ހަރުދަނާ ނަތީޖާތަކެއް ދައްކައިފަ އެވެ. ރާއްޖޭގެ ޓޮޕް 10 ސޯސް މާކެޓަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ ވަނީ މިއަހަރު 4 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ. މީގެ އިތުރުން ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ވަނީ އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ގޫގުލް ޓްރެންޑްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕާއި އޭޝިއާއިން ރާއްޖެ ސާރޗްކުރުމުގައި 1000 އިންސައްތަ އިތުރުވެ، މިހާރުގެ މާކެޓިން ސްޓްރެޓެޖީތަކުގެ އިފެކްޓިވްކަން ދައްކުވައިދެ އެވެ.
އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާގައި އެމްއެމްޕީއާރުސީއަކީ ޒަމާނީ، ޑޭޓާ އޮރިއެންޓެޑް އަދި އައުޓްކަމް ފޯކަސްޑް ޑެސްޓިނޭޝަން މާކެޓިން އޯގަނައިޒޭޝަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ޓްރާންސްޕޭރެންސީ އާއި ޓީމްވޯކަށް ހަރުދަނާ އަޒުމަކާއެކު އެމްއެމްޕީއާރުސީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިޤްތިސާދަށް ދެމެހެއްޓެނިވި ފައިދާތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެނޭޖްމަންޓާއި ބޯޑުން މަސައްކަތް ކުރެއެވެ.
މި ބަދަލަކީ މާލީ ކާމިޔާބީއެއްގެ އިތުރުން ރާއްޖޭގެ އެންމެ މުހިންމު އެއް ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެމްޕީއާރްސީގެ ދައުރު އިތުރުވެފައިވާކަން ވެސް ދޭހަކޮށްދޭ އަހަރެކެވެ.