ސްޓެލްކޯ ފްލެޓަށް ކުލި ނުދައްކާ މީހުންނަށް ފިޔަވަޅު އަޅަން އަންގަން ކޮމެޓީން ފާސްކޮށްފި

"މިހާބޮޑު ތަފާތު ކުރުމެއް ގެންގުޅުމަކީ ހަމަޖެހޭ ކަމަކަށް ނުވޭ. އެތާނގަ މުވައްޒަފުންނަށް، މިވަގުތުވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ ކޮންމެ މަހަކު ނުދައްކައިފިއްޔާ އެބަ ކަނޑާ،"

ކުލި ނުދައްކާ މީހުންގެ އެގްރިމެންޓް ބާތިލުކުރަން އަންގަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައި --

ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް އަޅާފައިވާ "ސްޓެލްކޯ ހިޔާ" ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ އެކުންފުނީގެ ކުރީގެ ބައެއް ވެރިން ކުލި ނުދައްކާތީ، އޮންނަ އުސޫލުގެ ތެރެއިން އެފައިސާ ހޯދަން އެކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ސްޓެލްކޯއިން ކޮމެޓީއަށް ފިނުވާފައިވާ ސިޓީއަކަށް ހަވާލާދެއްވަމުން އޭނާ ވިދާޅުވީ އެ ފްލެޓްތަކުގައި ދިރިއުޅޭ މުވައްޒަފުންގެ މުސާރައިން ކުއްޔަށްވާ ފައިސާ ކެނޑެމުންދާ ކަމަށެވެ.

ނަމަވެސް ކުރިން އެކުންފުންޏަށް ހިދުމަތް ކޮށްފައިވާ ބޯޑު މެންބަރުންގެ މުސާރައިން ކުލީގެ ފައިސާ ކެނޑޭނެ ގޮތެއް ނެތުމުން، ބައެއް ފަރާތްތަކުން ކުއްލި ނުދައްކައި ބޮޑެތި އަދަދުތައް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ބައެއް މީހުން ދެލައްކަ ރުފިޔާ އަދި ބައެއް މީހުން ތިން ލައްކަ ރުފިޔާ ކުއްޔަށް އަރާފައިވާކަން މެންބަރު ފާހަގަކުރެއްވި އެވެ.

"މިހާބޮޑު ތަފާތު ކުރުމެއް ގެންގުޅުމަކީ ހަމަޖެހޭ ކަމަކަށް ނުވޭ. އެތާނގަ މުވައްޒަފުންނަށް، މިވަގުތުވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ ކޮންމެ މަހަކު ނުދައްކައިފިއްޔާ އެބަ ކަނޑާ،" މެންބަރު ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ ސްޓެލްކޯ އިން އެމީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ކުއްލި ނުދައްކާ މީހުންނަށް ފިޔަވަޅު އަޅަން އެންގުމަށެވެ. އޭނާ ވަނީ ކުލި ނުދައްކާ މީހުންގެ އެގްރިމެންޓް ބާތިލުކުރަން ޖެހޭކަން ވެސް ފާހަގަކުރައްވާފަ އެވެ.

މި ކޮމެޓީގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ ވިޔަފާރިތަކުން ވެސް ކުލި ނުދައްކާ ބޮޑު އަދަދެއް އޮތްނަމަ ކަރަންޓު ކަނޑާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުގެ މަތިން ސްޓެލްކޯއަށް ކުލި ނުދައްކާ ފްލެޓްތަކުގެ ކަރަންޓު ކެނޑޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެގޮތަށް އަންގަން ފާސްކުރަން ދެކޮޅު ހަދައިފަ އެވެ.

ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވެފައި ވަނީ ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގޮތަށް، އެގްރިމެންޓްގައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ސްޓެލްކޯއަށް އެންގުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.