ފިކުރީ މުދާ ހިމާޔަތްކޮށް، ކުރިއަރުވަން އާ އޮފީހެއް އުފައްދަން ގާނޫނެއް ހުށަހަޅައިފި

އަދި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް'ގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމެވެ.

މޯލްޑިވްސް އެކްސްޕޯގެ ސްޓޯލެއްގެ ކައިރީ މައުލޫމާތު ދެނީ

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް، ކުރިއަރުވަން ހާއްސަ އޮފީހަށް އުފައްދަންޖެހޭ ގޮތަށް، ސަރުކާރުގެ ފަރާތުން ވަކި ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ހަމީދު ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުން ކަމަށް ބުނެފައި ވެ އެވެ.

އަދި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް'ގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމެވެ.

އަދި އެ ގާނޫނުގެ ދަށުން އުފެދޭ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

އެ މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށާއި، އެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް، ވަކިކުރުމުގެ ބާރު ވެސް ލިބޭނީ މިނިސްޓަރަށް ކަމަށް ބުނެފައި ވެ އެވެ.

މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.

'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް'ގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

  •  ފިކުރީ މުދާ ރަޖިސްޓްރީކުރުން.
  •  ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން.
  •  ބައިނަލްއަގްވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް، ފަންނީ އެހީއާއި ލަފާ ހޯދުން.
  •  ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުން.
  •  ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.
  •  ފިކުރީ މުދަލާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  •  ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ގާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.
  •  ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕާޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

ފިކުރީ މުދާ ހިމާޔަތް ކުރުމުގެ އިތުރުން، ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް، ޓްރޭޑްމާކް ބިލެއް ވެސް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.