މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މިހާރު އޮތްގޮތުން އޮޅުވާލައިގެން ފްލެޓު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ފްލެޓު ދިނުމުގެ ކްރައިޓީރިއާތަކާއި މިންގަނޑުތައް މަޖިލީހުގައި އޮތް ބޯހިޔާވަހިކަމުގެ ބިލްގައި ހިމަނާފައިވާނެ އެވެ.
މިހާރު ވާގޮތަކީ ފަސް އަހަރުގެ ވެރިކަމެއްގައި ފަށާ ފްލެޓުތައް ނިމެނީ އަނެއް ވެރިކަމުގަ އެވެ. ފްލެޓުތައް ނިމުމާއެކު އެ ވެރިކަމެއްގައި ތިބޭ ބަޔަކު ބޭނުންހާ ގޮތަކަށް ފްލެޓުތައް ބަހާލަނީ އެވެ. ސަރުކާރުން މިހާރު ބޯހިޔާވަހިކަމުގެ ގާނޫނަށް ގެންނަ ބަދަލާއެކު ސަރުކާރަށް އަންނަ ބަޔަކު ބޭނުންހާ ގޮތަކަށް ފްލެޓުތައް ބަހާ ނުލެވޭ ގޮތަށް ގާނޫނީ "ތަޅެއް" ލާން ވަނީ ނިންމާފަ އެވެ.
ޕީއެސްއެމްއާއި ރައީސް އޮފީހުން ބާއްވާ އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވި ގޮތުގައި، ފްލެޓުތައް މިހާރު ދެމުން ގެންދަނީ އެންމެ މުހިންމު ކަންތައްތަކަށް ބެލިގެން ނޫން ކަމަށެވެ. އަދި އުސޫލުތައް އޮތް ގޮތުން، ވެރިކަމަށް އަންނަ ބަޔަކަށް ފްލެޓު ދިނުން މެނިޕިއުލޭޓް ކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވަނީ އެކަން ހުއްޓުވަން ކަމަށާއި، އެކަމަށްޓަކައި މިހާރު މަޖިލީހުގައި އޮތް ބޯހިޔާވަހިކަމުގެ ގާނޫނުގެ ސަބަބުން އެކަން ހުއްޓިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިސާލަކަށް ފްލެޓު ލިބިފައި އެބަހުރި އެއްވެސް ދަރިއެއްވެސް ނެތް މީހުންނަށް. އެކަމަކު އެ މައުލޫމާތު ފުރާ ގޮތަކުން. މިސާލަކަށް ސިޓިން ރޫމްގައި 10 އަކަފޫޓު ހުރި ކަމަށް. އެހުރީ މެނިޕިއުލޭޓް ކުރެވޭ ގޮތަށްހުރީ. އަޅުގަނޑުމެންނަށް މި ދިމާވި ކަންތައްތަކާހުރެ އެއް އެވެސް ވަރަކަށް އެޑްރެސް ކުރެވޭ ގޮތަކަށް ނޫން ފައިނަލް ލިސްޓް އިއުލާނުކޮށްފަ މިހުރީ،" މުއްތޮލިބު ވިދާޅުވި އެވެ.
"މިދިޔަ 4،000 ފްލެޓުގައި ފާހަގަކުރެވިފައި އެބަހުރި ވަރަށް ނިކަމެތިކޮށް އުޅޭ މީހުންވެސް ސައްހަ މައުލޫމާތު ލިބުނީމަ އެމީހަކަށް ވަރަށް މަދުން ޕޮއިންޓް ލިބިފަ އެބަހުރި. އެއީ ލިޔާ ގޮތުން ގިނަ ޕޮއިންޓް ލިބޭނެކަން އެނގޭނެތީވެ އެބަހުރޭ އާއްމުކޮށް އުޅޭއިރު މުއްސަނދި މީހުންނަށްވެސް މަތިން ޕޮއިންޓް ލިބިފަ،"
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިކަން މިގޮތަށް ވުމުގެ މައިގަނޑު ސަބަބަކީ ގާނޫނެއްގެ ތެރެއިން އެކަން ނުކުރާތީ އެވެ. އެހެންވެ ފްލެޓް ދިނުން މެނިޕިއުލޭޓް ކުރެވޭ ގޮތަށް ކަންކަން އެބަހުރިކަން ފާހަގަކުރެއްވި އެވެ.
"މިހާރު ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ބޯހިޔާވަހިކަމުގެ ގާނޫނެއްގެ ތެރޭގައި ބަލަންޖެހޭ ކްރައިޓީރިއާތައް ކަނޑައަޅައި، އަދި އޭގެދަށުން ހަދާ ގަވައިދަކުން އެކަން ކުރަން. އޭރުން އަންނަ ސަރުކާރުތަކުން ނުވަތަ އެކަން ކުރަން ތިބޭ ބަޔަކު ބޭނުންހާ ގޮތަކަށް އެކަމެއް ނުކުރެވޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ ބިލް ގާނޫނަކަށް ވެގެންދާއިރު އެންމެ ބޭނުންވާ މީހުންނަށް ފްލެޓު ލިބޭނެ މެކޭނިޒަމެއް ގާނޫނުގައި އޮންނާނެ އެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، އެއްޗެއް ވެރިފައި ކުރެވޭ މައުލޫމާތަކޭ ބަލަންވާނީ. މިސާލަކަށް ހިޔާ ފްލެޓު މަޝްރޫއުގެ ފްލެޓު ކެންސަލްކޮށްފަ އަލުން ދިންއިރު އެބަހުރި ފްލެޓު ދީފަ ފާރުގަ ރެނދެއް ހުރީމަ ގިނައިން ޕޮއިންޓް ދީފައި. ރެނދު ނެތީމަ ޕޮއިންޓް މަދުކޮށްފައި،" މުއްތޮލިބު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހައުސިން އެކްސެސިބިލިޓީ ހުރިހާ މީހުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އެންމެ މުއްސަނިދި މީހާ އަށް ސަރުކާރުން ފްލެޓު ދޭނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި އަތްމަތި ތަނަވަސް މީހުން ސޯޝަލް ހައުސިންއަށް ކުރިމަތިލާއިރު ވެސް ވިސްނަން ޖެހޭނެ ކަމަށާ އެފަދަ މީހަކަށް ފްލެޓު ލިބިއްޖެނަމަ އެއީ ނިކަމެތި މީހެއްގެ ބޯހިޔާވަހިކަން ނިގުޅައިގަތުންކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ތިމާ މިކުރާ ކަމެއްގެ ސަބަބުން ހާލުގައި ޖެއްސޭކަން ވިސްނާލައްވާށޭ. ތިމާ މިނަގަނީ ކޮންމެވެސް އެހެން މީހަކަށް ލިބެން އޮތް އެއްޗެއް މި ޖަހައި ގަނެވެނީ. އެހެންވެ ކޮންމެ މީހަކުވެސް ވިސްނާފަ އެހެން މީހެއްގެ ހައްގަށް އަރައިނުގަތުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ މުއްތޮލިބު ވިދާޅުވި ގޮތުގައި ކޮންމެ މީހެއްވެސް ސްޓޭޓަސް ހުރި ގޮތުން ފްލެޓެއް ގަނެގެން އުޅޭވަރުގެ މީހެއްނަމަ އެ ފުރުސަތު ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެފަދަ ވަސީލަތްތައް ސަރުކާރުން ގާއިމްވެސް ކުރާނެ ކަމަށެވެ. އަދި އެއީ އެފޯޑަބަލް ހައުސިން [ބޭންކްއަކަށް ވަދެގެން] ގަނެވޭ ވަރުގެ މީހެއްނަމަ ބޭންކިން ނިޒާމުން އެ ފުރުސަތު ދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.