މިނިސްޓަރު ނާޒިމް ވިދާޅުވީ ޓެކްނިކަލް ފީޒިބިލިޓީ ބަލާ ޓެކްނިކަލީ ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށާ ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ކެންސަރު ބައްޔަށް ހާއްސަކޮށް އަޅާ ހޮސްޕިޓަލްގެ ކޮންސެޕްޓް ނިންމައި އަމަލީ މަސައްކަތް ފެށުމާ ހަމައަށް އައިސްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ، އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް ވެފައިވާ ކަމަށެވެ.
"ކަރުދާހުގެ ލެވަލްގައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެފަ. ޓެކްނިކަލް ފީޒިބިލިޓީ ބަލާ ޓެކްނިކަލީ ވާންޖެހޭ ތައްޔާރީތައް ވަނީ ވެފަ. އަޅުގަނޑު ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ ވަރަށް އަވަހަށް ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެއޭ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމެއްގައި އެންމެ ބޮޑަށް ވިސްނަން ޖެހެނީ ސިޔާސަތު ގާއިމް ކުރުން ކަމަށާ ހެލްތް ނިޒާމުގައި މިފަދަ ބަލިތަކުން ދުރުވާން ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށެވެ.
"ރާއްޖޭގައި އާއްމުކޮށް ފެންނަ އެންމެ ބޮޑު ބައްޔަކީ އޯރަލް ކެންސަރު [އަނގައިގެ ކެންސަރު] ފަންނީ ބޭފުޅުން ވިދާޅުވެ ދުންފަތުގެ އިސްތިއުމާރު ކުރުމޭ އެއް ކަމަކީ. މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. މީގެ އެންމެ ހިތްގައިމު ކަމަކީ ގައުމުގެ އެންމެ މަތީވެރިޔާ ވަލީއުލްއަމުރް [ރައީސް] އާ ހަމައިން މި ކަމަށް ފިޔަވަޅު އެޅުން،" ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ލ. ގަމުގައި އަލަން ކުރިން އިއުލާނުކުރި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމާފަ އެވެ. މީގެ މައިގަނޑު ސަބަބަކަށްވީ ތާޝަރީ ހެލްތް ކެއާ ފުޅާކޮށް މާލެ ސަރަހައްދުގައި ލިބެން ހުރުމެވެ.