"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެގްރީމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި "އަހާ ފޯރަމް" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަދާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަމުގައި ކުރަން ޖެހޭ ބައެއް އިދާރީ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ލަސްވެފައި ވަނީ ލިސްޓުގައި ތިބި ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން ކުރިއަށްދާތީ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެގްރީމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.
އެފްޑީސީ އިން ހަދާ އެގްރިމެންޓް އަދި ފައިނަލްވެފައި ނުވާ ކަމަށާއި، އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އެ މަސައްކަތް ކުރިއަށްދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ތަނެއް ހަމަޖައްސައި އެތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި އެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެކަމަށް ބޭނުންވާ އިދާރީ ކަންކަން ވެސް އެފްޑީސީން ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.
އެހުރިހާ އިންޒިތާމްތަކެއް ހަމަޖައްސައި، އަންނަ ހަފްތާ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރެވޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި 4000 ފްލެޓް ލިބޭ މީހުން އެ ސަރުކާރު ނިމުމުގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރުކާރުން އެ ލިސްޓު ބާތިލުކޮށް، މިދިޔަ ފެބްރުއަރީ މަހު ވަނީ އާ ލިސްޓެއް ނެރެފަ އެވެ. އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހުންނެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން ވަނީ ނިންމައިފަ އެވެ.