ފުލުހުން ބުނެފައި ވަނީ މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ބޭންކް ޓްރާންސްފާ ސްލިޕް ފޮނުވުމުގެ ރެކޯޑު އޮތް ޒައިދާން މުހައްމަދު ހާޝިމް އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ އޭނާގެ އަންހެނުން އާފްރިން އަހްތަރު އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޭކް ސްލިޕް ފޮނުވައިގެން ޒައިދާން ވައްކަން ކުރުމުގެ ސަބަބުން ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ ވެރިފަރާތަށް އަނބުރާ ހޯދައިދީފައިވާ ކަމަށެވެ. މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ދެމަފިރިން ހައްޔަރު ކޮށްފައި ވަނީ މޭ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ފޭކު ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި، އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36،467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން އޭނާ ވަނީ ހޯދައިފަ އެވެ. އަދި، މާލޭގައި ހުންނަ ފިހާރައަކުން 31،150 ރުފިޔާގެ ތަކެތީގެ އިތުރުން، މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި އޭނާ ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ޒައިދާންގެ މައްޗަށް ދަނީ ކުރެވެމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.