ސައުދީ "ޕްރިންސް" އާ ގުޅޭ ސުވާލުގެ ޖަވާބު އެހެން ޖަލްސާއަކަށް ފަސްކޮށްދީފި

ހަލީލް ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ އެހެން މަސައްކަތެއް ކުރަން ޖެހޭ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވާން ޖެހޭ ވަގުތާ ދިމާވާތީ، މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޑރ. ހަލީލް. --ފޮޓޯ: ފޮރިން މިނިސްޓްރީ

ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، ވަޑައިގެންނެވި ފަހުދު ސައުދު އަލް ޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޕްރިންސެއް ކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާ ސުވާލު ކުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކުރި ފަހުން،  ރަސްމީ އެހެން މަސައްކަތެއްގައި އުޅުއްވާތީ، ސުވާލުކުރުން އެހެން ޖަލްސާއަކަށް ފަސްކޮށްފި އެވެ. 

އިންވެސްޓަރެއްގެ ހައިސިއްޔަތުން ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އަލް ޝަލަން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. 

އެކަމާ ގުޅުވައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހަލީލް އާ ސުވާލުކުރައްވަން ހުށަހެޅުއްވީ އަލް ޝަލަން އަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ މީހެއްތޯ ސާފުކުރުމަށެވެ. އަދި ރައީސް އޮފީހުގައި ރައީސް އާއެކު ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިނުވީ ކީއްވެގެންތޯ އާއި އެ ކަމުގެ ސަބަބުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯ މީކާއިލްގެ ސުވާލުގައި ހިމަނާފައި ވެ އެވެ.

އެ ސުވާލު މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނިކޮށް، ޖަލްސާ ފެށުމާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ހަލީލް ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ އެހެން މަސައްކަތެއް ކުރަން ޖެހޭ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވާން ޖެހޭ ވަގުތާ ދިމާވާތީ، މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

"ވީމާ ދެން އެންމެ އަވަހަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް، ހަލީލްގެ ވަގުތު ފުށު އަރާ ރަސްމީ އެހެން މަސައްކަތަކީ ކޮބައިކަމެއް ސާފެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.