މި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާ އާއި ޒިބްރާ ކްރޮސް މަތިން މަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހާގެ ހާލު ސީރިއަސް އެވެ. އެމީހުންނަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.
ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ބާއްވަން ނިންމައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އަލްސަން ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވުމުގެ ސަބަބުން، ޒިބްރާ ކްރޮސްއިން ދިޔަ މީހެއްގެ ގައިގައި ޖެހިފަ އެވެ. ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހާ ގައިގައި ސައިކަލުން ޖެހި، އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި އެ ސައިކަލު ޖެހި ވަނީ އެކްސިޑެންޓްވެފަ އެވެ.
މި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާ އާއި ޒިބްރާ ކްރޮސް މަތިން މަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހާގެ ހާލު ސީރިއަސް އެވެ. އެމީހުންނަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.
އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރި އެވެ. އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިއަދުގެ އަސުރު ނަމާދުގެ ފަހުގައި، އާސަހަރާ މިސްކިތުގަ އެވެ.
މި އެކްސިޑެންޓްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯ އިން ފެންނަނީ ޖޮގިންއަށް ނުކުމެ އުޅޭ މީހަކު ޒިބްރާ ކްރޮސްއަށް އަރާ މަންޒަރެވެ. ހަމަ އެވަގުތު އަލްސަން ދުއްވަން އިން ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް އެމީހާ ގައިގައި ޖެހި ކަހާލައިގެން ވެއްޓެ އެވެ. ސައިކަލު ކަހާލައިގެން ވެއްޓެން ދިޔަ ވަގުތު ގޮސް ޖެހުނީ މަގުގެ އަނެއް ފަޅިން އައި ޕިކަޕެއްގަ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި ކުރީގެ ބައެއް ވެރިންނާއި އާންމުންގެ އެތައް ބަޔަކު ވެސް ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.