ފުލުހުން ބުނީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހާ ގައިގައި ސައިކަލުން ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި އެ ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މާލޭގެ މާފަންނުގައި ހުންނަ ބަސް ޓާމިނަލް ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ޒިބްރާ ކްރޮސްއިން ދިޔަ މީހެއްގެ ގައިގައި ޖެހިފަ އެވެ.
ފުލުހުން ބުނީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހާ ގައިގައި ސައިކަލުން ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި އެ ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
"މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ. ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
އެ ސަރަހައްދަށް ބަލާއިރު، ފައިވާން ކިބައަކާއި ދުވަންދާ ވައްތަރުގެ ބޫޓެއް ފެންނަން އޮތެވެ. އަދި ގިނަ އަދަދެއްގެ ލޭ ވެސް ބިންމަތިން ފެންނަން ހުއްޓެވެ.
ބާރު ސްޕީޑުގައި ދުއްވި ސައިކަލާއި އަދި އެމީހާ އަޅައިގެން އިން ކަމަށް ބެލެވޭ ހެލްމެޓް އޮތީ އެއްކޮށް ކުނޑިކުނޑި ވެފަ އެވެ. އެކްސިޑެންޓްވި ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.