އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ހަމަލާދީފައި ވަނީ އަބްދުލްރަހްމާންގެ ބޮލަށް ކަމަށެވެ. ހަށިގަނޑުގެ އެހެން ތަނަކަށް ޒަހަމެއް ލިބިފައިވާކަން ސާފުވެފައިނުވާއިރު، ބޯ އޮތީ ޗިސްވެފައި ކަމަށް ރަތެރޭގައި އަޑުއަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
އއ. އަތޮޅު މާޅޮހަކީ ކުށް ގިނަ ރަށެއް ނޫނެވެ. މާރާމާރީ ފަދަ ބޮޑެތި ކުއްތަކުގެ ވާހަކަ މި ރަށު ތެރެއިން އަޑު ނީވޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. ޒަމާން ގަނޑަކަށްފަހު ރޭ މިރަށުގައި ހިންގި ހަދިސާއާއެކު ރަށު ތެރެއަށް ވަނީ ބިރުވެރިކަން އާއްމުވެފަ އެވެ. މި ރަށު، އޯކިޑްމާގޭ އަބްދުލްރަހްމާން އާދަމް 65. ނިދާފައި އޮއްވައި ޒަހަމްތަކެއްދީ މަރާލުމާއެކު މުޅި ރަށް އޮތީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
"އަނެއްހެން މި ރަށުގައި ހިނގާ ކަމެއް ނޫން މިއީ. އެހެންވެ އެންމެން ވެސް އެ ދައްކަނީ އެ ވާހަކަ. ކީއްވެ ހިނގިކަމެއް ކަމެއް ނޭނގެ،" އއ. މާޅޮހުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
ފުލުހުން ބުނީ އަބްދުލްރަހްމާން ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ހަމަލާދީފައި ވަނީ އަބްދުލްރަހްމާންގެ ބޮލަށް ކަމަށެވެ. ހަށިގަނޑުގެ އެހެން ތަނަކަށް ޒަހަމެއް ލިބިފައިވާކަން ސާފުވެފައިނުވާއިރު، ބޯ އޮތީ ޗިސްވެފައި ކަމަށް ރަތެރޭގައި އަޑުއަރާފައިވާ ކަމަށް އޭނާ ބުންޏެވެ. ސިކުނޑިން އެއްބައި އޮތީ ބޭރުގައި ކަމަށް ވެސްވެ އެވެ.
މި މައްސަލައާ ގުޅިގެން ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މުޅިރަށް އޮތީ ފުލުހުން "ކޯޑޮން" ކޮށްފަ އެވެ.
އަބްދުލްރަހްމާން އަކީ ސިހުރު ހަދާ މީހެއް ކަމަށް ވެސްވެ އެވެ. މިފަދަ ހާދިސާއެއް މީގެ ދެ އަހަރު ކުރިން، ނ. މަނަދޫގައި ވެސް ވަނީ ހިނގާފަ އެވެ. އޭޕްރީލް 6، 2023 ދުވަހުގެ ދަންވަރު އުމުރުން 62 އަހަރުގެ ނައީމާ މޫސާ ކިޔާ މީހަކު ނިދާފައި އޮއްވާ އޭނާ ދިރިއުޅޭ ގެއަށް ވަނުމަށްފަހު އަނިޔާވެރިކޮށް ވަނީ މަރާލާފަ އެވެ.
އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށް ދަނީ ޝަރީއަތް ހިންގަމުންނެވެ. ނައީމާ އަކީ ވެސް ސިހުރު ހަދާ މީހެއް ކަމަށް އެރަށު މީހުން ބުނެ އެވެ.