ތިނަދޫ ކައުންސިލުގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި އިހުމާލުތަކެއް އޮޑިޓު އޮފީހުން ފާހަގަކޮށްފައިމިވަނީ، އެ ސިޓީގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ފައިސާގެ މުއާމަލާތްތަކުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް، އެ އިދާރާގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ތިނަދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ހާއްސަ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ އިދާރާއަށް ލިބެންޖެހޭ ފައިސާ ރަޖިސްޓަރީގައި ހިމަނާފައިވާ އަދަދު ސައްހަ ނުވުމާއި، ލިބެންޖެހޭ ފައިސާ ހޯދުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ
ފިޔަވަޅުތައު އަޅާފައެއް ނުވެ އެވެ.
އެ ގޮތުން 31 ޑިސެންބަރު 2023 ގެނިޔަލަށް ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައ 7,077,681ުިރ. ރަޖިސްޓަރީން ދެއްކިޔަސް، ހިސާބުކޮށްފައިވާ ގޮތުގެ ތަފުސީލް މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވެސް އޮޑިޓަރުންނާ ހިއްސާކޮށްފައިނުވާ ކަމަށް ބުންޏެވެ.
މި ރަޖިސްޓަރީގައި ހިމަނާފައިވާ ބިންތަކުގެ ތެރެއިން 19 ބިމަކުން ލިބެންޖެހޭ ފައިސާ، އޮޑިޓަރުން ހިސާބުކުރުމުން 2023ގެ ނިޔަލަށް 3.1 މިލިއަން ރުފިޔާއަށް އެރިޔަސް، ކައުންސިލުން ތައްޔާރުކޮށްފައިވާ ރަޖިސްޓްރީގައި ވަނީ 2.2 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ.
"މިއީ އޮޑިޓަރުންގެ ހިސާބުތަކުން ދައްކާ އަދަދަށް ވުރެ 832،012ރ. މަދު އަދަދެއް ކަން ފާހަގަކުރަމެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރާ އިން ތައްޔާރު ކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރަޖިސްޓަރީގައި އެކި ފަރާތްތަކުން ލިބެންޖެހޭ 459،991ރ. ހިމަނާފައި ނުވާތީ ލިބެންޖެހޭ ފައިސާގެ ގޮތުގައި ކައުންސިލްގެ އިދާރާ އިން ތައްޔާރު ކޮށްފައިވާ ރަޖިސްޓަރީގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއް ނޫން ކަން ފާހަގަކުރަމެވެ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ދަތުރުތަކުގެ އެލަވަންސް ދޫކޮށްފައިވާ މައްސަލަތަކެއް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެއާޕޯޓުތައް އޮންނަ ރަށްތަކާއި އަދި ލޯކަލް ޓޫރިޒަމް ތައާރަފު ކޮށްފައިވާ ރަށްރަށަށް ކުރާ ދަތުރުތަކުގައި ހުރުމަށް ފައިސާ ދުވާލަކަށް 500ރ. ގެ ރޭޓެއް ކަނޑައަޅާފައިވިޔަސް، ތިނަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ކ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރެއްގައި ހުރުމުގެ ހަރަދަކަށް ދުވާލަކަށް 700ރ. އަދި އއ. އަތޮޅުގެ ދަތުރަށް ދުވާލަކަށް 1،500ރ. ގެ ރޭޓުން ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެ ފައިސާ ހޭދަކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކަމަށް ބުންޏެވެ.
އެހެންވެ، އެ ދަތުރުތަކުގައި ހުރުމުގެ ހަރަދުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓަށް ވުރެ އިތުރަށް 49،800ރ. އިތުރަށް ދޫކޮށްފައިވެ އެވެ
"މީގެ އިތުރުން މި ދަތުރުތަކާ ގުޅިގެން އެހެން ހަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300ރ. ގެ ހަރަދުތަކުގެ ބިލް ހުށަހަޅާފައި ނުވުމުގެ ސަބަބުން މި ހަރަދުތަކަކީ ހަގީގަތުގައި ވެސް ހިނގާފައިވާ ހަރަދުތަކެއް ކަން ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ،" އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ އަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ 175،859ރ. ފެބްރުއަރީ 2024ގެ ނިޔަލަށް ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައެއް ނުވެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ހުރީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ ލައިސަންސް ފީ އާއި މުދަލުގެ ޒަކާތުގެ ފައިސާ އަދި އައިޑީ ކާޑު ފީ އެވެ.
މީގެއިތުރުން، ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެލަވަންސެއް ދެވޭނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން އެ އެލަވަންސެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެ މުއައްސަސާއަކަށް އެކަން އެންގުމުން ކަމުގައި ބަޔާންކޮށްފައިވިޔަސް، އޭޕްރީލް 4، 2022 އިން ފެށިގެން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ މެމްބަރުންނަށް 148،750ރ. ދީފައި ވަނީ އެ އުސޫލާ ހިލާފަށެވެ.
ތިނަދޫ ކައުންސިލުގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި އިހުމާލުތަކެއް އޮޑިޓު އޮފީހުން ފާހަގަކޮށްފައިމިވަނީ، އެ ސިޓީގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހުގެ 25 ގައި ނިންމީ އެ އިދާރާ އިން ހެދި އިންކުއަރީއަކަށް ފަހު އެވެ.
އެ ފިޔަވަޅު އެޅި މައިގަނޑު ސަބަބެއް ކަމަށް އެލްޖީއޭ އިން ބުނެފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ.