އެމްއެންޑީއެފުން ބުނީ ޒަކަރިއްޔާ ހޯދުމަށް މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އެ ޑިންގީ ފެނިފައި ވަނީ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ކަމަށެވެ.
ގދ. ގައްދޫ ކައިރީގައި އޮންނަ ގަމަށް ޑިންގީއެއްގައި ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުން ގެންދާ ޒަކަރިއްޔާ މުހައްމަދު ދުއްވި ޑިންގީ ފެނެއްޖެ އެވެ.
ގައްދޫ ރައްޔިތުން ކިޔާ ގޮތުންނަމަ "ތުއްތުބޭ" ދުއްވާ ބޮންތިގެ ނަން ދީފައިވާ 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނު އަޅާފައިވާ ކުޑަ ޑިންގީ މިއަދު ހެނދުނު ވަނީ ހޯދައިފަ އެވެ،
އެމްއެންޑީއެފުން ބުނީ ޒަކަރިއްޔާ ހޯދުމަށް މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އެ ޑިންގީ ފެނިފައި ވަނީ ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ކަމަށެވެ.
އިއްޔެ ހެނދުނު ހިންގި ޑައިވް އޮޕަރޭޝަނުގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ތިލަ ތަންކޮޅެއްގެ މަތިން ވަނީ އެ ޑިންގީގެ ނަގިލި ވެސް ހޯދައިފަ އެވެ. ނަގިލި ފެނުނުއިރު ނަގިލީގެ ވާއެއްކޮށް އޮތީ ދޫވެފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އެ ވާ ދޫވެފައިވަނީ ޑިންގީގައި ނުއެއްސިގެންނެވެ.
ގައްދޫ ކޯޒީރައުންޑް، 79 އަހަރުގެ ޒަކަރިއްޔާ ގެއްލުމާ ގުޅިގެން ސިފައިންގެ ކޯސްޓްގާޑާއި ފުލުހުން އަދި ގައްދޫ ކައުންސިލްގެ އިސް ނެގުމެއްގެ ދަށުން އެ ރަށުގެ ރައްޔިތުން ދަނީ ޒަކަރިއްޔާގެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އަޔާޑާ މޯލްޑިވްސްގެ ލޯންޗް ފަހަރު ބޭނުންކޮށްގެން ވެސް ހޯދާފައިވެ އެވެ.
ކޯސްޓްގާޑުން ރޭ ބުނެފައިވާ ގޮތުގައި ޒަކަރިއްޔާ ހޯދަން ހިންގާ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ. ސާޗް މި އޮޕަރޭޝަންގައި ސިފައިން ދަނީ މޯލްޑިވިއަންގެ ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ.