ގައްދޫ ތުއްތުބެ ގެއްލުން | ކޮޅިގަނޑާއެކު ގިނަ ސުވާލުތަކެއް

ޒަކަރިއްޔާ ދުއްވި ޑިންގީ މިހާރު ވަނީ ހޯދާފަ އެވެ. ނަމަވެސް މިހާތަނަށް އޭނާގެ ހިލަނމެއް ނުވެ އެވެ. އޭނާ ހޯދުން ހުއްޓައެއް ނުލަ އެވެ. ސިފައިން ވައިގެ މަގުން ދަނީ ހޯދަމުންނެވެ.

ގދ. ގައްދޫ، ކޯޒީރައުންޑްގޭ ޒަކަރިއްޔާ މުހައްމަދު

ގދ. ގައްދޫ، ކޯޒީރައުންޑްގޭ ޒަކަރިއްޔާ މުހައްމަދަކީ އެ ރަށުގެ ގިނަ ބައެއްގެ އެކުވެރިއެކެވެ. އެންމެންގެ ބަހުންނަމަ ތުއްތުބެއަކީ ހިތްހެޔޮ އެންމެންނާވެސް ގުޅޭ މުރާލި މަސައްކަތްތެރި އެކެވެ. އުމުރުން 80 އަހަރުތަކާ ކައިރިވެފައިވި ނަމަވެސް މަސައްކަތް ކުރުމުގައި ދެމި ހުއްޓެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހަކީ މި ރަށު ރައްޔިތުންނަށް ތުއްތުބެ ފެނުނު އެންމެ ފަހު ދުވަހެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު ތުއްތުބެ ދިޔައީ އާއްމު އުސޫލުން މަސައްކަތައް ބޭނުންވާ ބައެއް އާލާތްތައް ބަލައި ޖެހިގެން އޮތް ގަމަށެވެ. ޒަކަރިއްޔާ ދުއްވާ ކުޑަ ޑިންގީއެއްގައި ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. ދިވެހި ސިފައިންނާއި ގައްދޫ ކައުންސިލް އަދި ރައްޔިތުން ޒަކަރިއްޔާ ހޯދަމުންދާއިރު މިހާތަނަށް އޭނާގެ ހިލަމެއް ނުވެ އެވެ. މި ކަމާހެދި މުޅި ގައްދޫ ހިތާމާގައި އޮތްއިރު، ޒަކަރިއްޔާ އެންމެފަހުން އާއިލާއަށް ހަބައެއް ވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެވެ. އެ ދުވަހުގެ 3:00 އާ ހަމައަށް އޭނާގެ ފޯނަށް ގުޅުނު ކަމަށްވެ އެވެ. މިހާރު ސުވާލު އުފެދެނީ ޒަކަރިއްޔާ އަށް ވީ ގޮތާ މެދު އެވެ. 

އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން ވެސް ދަނީ ކުރަމުންނެވެ. ޒަކަރިއްޔާ ގެއްލުނު ކަމަށް ރިޕޯޓްކުރި ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތަކީ ހުވަދޫ އަތޮޅަށް ގަދަވިއްސާރަ ކުރި ވަގުތެކެވެ. ގައްދޫ އަށް ގަދަ ގޮޅިގަނޑެއްގެ ލައްވާލި ވަގުތެވެ. ޒަކަރިއްޔާ ގައްދޫ އިން ފުރައިގެން ގަމަށް ދިޔައީ ހެނދުނެވެ. އޭރު ގަމުގައި ގައްދޫގެ ބައެއް މީހުން ތިބުން ގާތެވެ. އެ ރަށަކީ ގައްދޫއާ އިން ވެގެން އޮންނަ ރަށަކަށްވުމުން، މި ރަށުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ގޮސް އުޅެ އެވެ. އެ ދުވަހު ޒަކަރިއްޔާ ގަމަށް ދިޔަކަމަށް ވަނީ އޭނާ އާއްމުކޮށް ކުރާ މަސައްކަތް ކަމަށްވާ ރާ އަރައިގެން ދިޔާ ހަކުރު ކައްކަން އަކިރި ކޮޅެއް ހޯދާށެވެ. 

ޒަކަރިއްޔާ ގަމުން ފުރައިގެން ގައްދު އަށް ޑިންގީގައި ދަތުރު ކުރަމުން ދިޔަ މަންޒަރު ދުށް މީހަކާ ހަވާލާދީ ގައްދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނި ގޮތުގައި ޒަކަރިއްޔާގެ ޑިންގީ ގައްދު އާއި ގަމާ ދެމެދުގައި މަޑުކޮށްގެން އޮއްވައި ފެނިފައިވެ އެވެ.

"ޑިންގީ މަޑުކޮށްގެން އޮތީ މި [ގައްދޫ] ކައިރީ. ގަމާއި ގައްދުއާ ދެމެދު. ފެނުނީ ގަމުން ފުރައިގެން އައި ބިދޭސީއަކަށް،" އޭނާ ބުންޏެވެ. ގައްދޫ އާއި ގަމާ ދެމެދު އެ ޑިންގީ މަޑުކޮށްގެން ޒަކަރިއްޔާ ކުރީ ކޮން ކަމެއް ހެއްޔެވެ؟ މަސް ބޭނީ ހެއްޔެވެ؟ ނޫނީ އޭނާ ދުއްވި ޑިންގީގެ އިންޖީނުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ 

ތުއްތުބެ އެންމެފަހުން ފެނުނީ ކޮޅިގަނޑުގެ ވަގުތު

ޑިންގީ އެންމެފަހުން ފެނުނު އަދި އެ ޑިންގީ ހޯދި ސަރަހައްދު

މަންޒަރު ދުށް ބިދޭސީ މީހާއަށް ޒަކަރިއްޔާ ފެނުނު ނަމަވެސް އޭނާއަށް މަޑުކުރާކަށް ވަގުތެއް ނުލިބުނެވެ. ސަބަބަކީ ނަގާ ކޮޅިގަނޑުގެ ވައި އައުމާއެކު ބޯކޮށް ވިއްސާރަ ވެހެން ފެށުމެވެ. އެހެންވެ ބިދޭސީ މީހާ އަވަސް އަވަހާ އައިސް ރަަށަށް ވަނީ އެވެ. ދެން އޮތީ ޒަަކަރިއްޔާގެ ޑިންގީ އެންމެ ފަހުން ފެނުނު ހިސާބެވެ. ޒަކަރިއްޔާގެ ޑިންގީ އެންމެފަހުން ފެނިފައިވަނީ ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ތިލަނޑު މަތިންނެވެ.

މި ސަރަހައްދުގެ ގައްދޫއާވީ ވަޅީގެ ފުއްޓަރަކީ މަޝްހޫރު ރާޅު ޕޮއިންޓެވެ. ސާފަރުން ރާޅާ އަޅާ ބޮޑު ރާޅު ނަގާ ސަރަހައްދެކެވެ. މި ދެ ރަށް ދޭތެރެ އާއްމުކޮށް ވެސް އޮއިވަރު ބާރުވާނެ އެވެ. ރަށުގެ ދެ ފަރާތުން ނައްޓާލައިގެން ދާ އޮއިވަރުގެ ނުރައްކާތެރިކަން ބޮޑެވެ. އަދި ކޮޅިގަނޑެއްގެ ވަގުތުގައި މި ސަރަހައްދުން ގައްދު އަށް ވަންނަން އަންނަ އޮޑި ފަހަރަށް ވެސް ގިނަ ދަތިތަކާ ކުރިމަތިވެ އެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް މެރިން ފުލުހުންނާއި އާއްމުން މިއަދު ހެނދުނު ކުރަނީ

ޒަކަރިއްޔާ ގެއްލުނު ވަގުތާއި މޫސުން ގޯސްވި ވަގުތާ ދިމާވެ އެވެ. އެއީ ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް ޒަކަރިއްޔާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ހަވީރު 17:30 ގަ އެވެ. އަދި ކައުންސިލްގެ އިސް ނެގުމެއްގެ މަތިން ޑިންގީތަކުގައި ގައްދޫގެ ޒުވާނުން ނުކުތީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 19:52 ގަ އެވެ. އަދި އެރޭ 21:30 ގައި ގައްދޫ ޒުވާނުން ވަނީ އެރަށު ގޮނޑުދޮށާއި ވަށަގެންވާ ސަރަހައްދު އެއްކޮށް ބަލާފަ އެވެ. އަދި މެންދަމު 12:00 ގައި އަޔާދާ މޯލްޑިވްސް އާއި ގައްދޫ ސިއްހީ މަރުކަޒުގެ ސީއެމްބިއުލާންސު ބޭނުންކޮށްގެން ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި ފުވައްމުލަކާއި ތިނަދޫއިން ކޯސްޓްގާޑުގެ އުޅަނދު ފަހަރުން ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެރޭ 1:50 ގައި ފެށި އެވެ. މިއަދު ހެނދުނު ޒަކަރިއްޔާ ދުއްވި ޑިންގީ އާއި އިންޖީނު ވަނީ ފެނިފަ އެވެ. އެ ހޯދި މެއިން ޕޮލިސްއާއި އާއްމުން އެ ސަރަހައްދަށް ޑައިވްކޮށްގެންނެވެ. 

ޒަކަރިއްޔާ ގެއްލުން ޓައިމް ލައިނެއް

  •  މޫސުން ގޯސްވީ މެންދުރުވާން އުޅެނިކޮށް
  •  ޒަކަރިއްޔާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ބުރާސްފަތި ދުވަހު ހަވީރު 17:30 ގައި
  •  ގައްދޫގެ ޒުވާނުން ހޯދަން ނުކުރީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 19:52 ގައި
  •  ރަށް ވަށައިގެން ބަލަން ފެށީ ބުރާސްފަތި ދުވަހުގެ ރޭ 21:30 ގައި
  •  މެންދަމު 12:00 ގައި އަޔާދާ މޯލްޑިވްސް އާއި ގައްދޫ ސިއްހީ މަރުކަޒުގެ ސީއެމްބިއުލްސް ހޯދަން ފެށި
  •  ތިނަދު އާއި ފުވައްމުލަކުން އައި ކޯސްގާޑުން ޓީމަކުން ހޯދަން ފެށީ 1:50 ގައި
  •  ޒަކަރިއްޔާ ދުއްވި ޑިންގީގެ ނަގިލި ހޯދީ ހުކުރު ދުވަހު މެންދުރު 11:10 ގައި
  •  ޑިންގީ ކަނޑުއަޑިން މިއަދު ހެނދުނު ވަނީ ފެނިފައި

ޒަކަރިއްޔާ ދުއްވި ޑިންގީގެ ނަގިލި އިއްޔެ ހަވީރު މެރިން ޕޮލިހާއި މަސްވެރިންގެ މަސައްކަތުން ވަނީ ހޯދާފަ އެވެ. މަސްވެރިންގެ ބަޔަކާއި މެރިން ފުލުހުންގެ މި ނަގިލި ހޯދާފައިވަނީ ހުކުރު ދުވަހުގެ 8:50 އިން ފެށިގެން ފުލުހުންނާއި ހަތަރު ޑައިވަރުން ކުރި މަސައްކަތުންނެވެ. ނަގިލި ފެނުނުއިރު ވާއެއްކޮށް އޮތީ ދޫވެފަ އެވެ. އެހެންވެ، ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ޑިންގީގެ ވާ އެ އޮތީ މޮހިފަ އެވެ. ނުވަތަ ނުއެއްސިގެން އުޅެނިކޮށް ޑިންގީ އޮޔާ ދަމައިގަތީ އެވެ.

"އެތަނަށް ދިޔައީ މެރިން ޕޮލިހާއި މަސްވެރިންގެ ޑައިވް ކުރާބައެއް އެ މީހުން ފައިބައިގެން ވެސް އެރުނީ ވަރަށް ދުރުން. އެހާ އޮއިވަރު ބާރު. އެމީހުން ބުނެފައި ވަނީ ކޮންމެ ގޮތެއް އެމީހުންނަށް ވިޔަސް މިތަން ބަލާނެ ކަމަށް. އެހެން ބުނެފަ ޑައިވް ފެށިތަނާ ނަގިލި ފެނުނީ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. 

ޑިންގީ އާއި އިންޖީނު މިއަދު ހެނދުނު ކަނޑު އަޑިން ނަގަނީ

ދެން އޮތީ ޒަކަރިއްޔާ ދުއްވި ޑިންގީގެ އިންޖީނުގެ ހާލަތާއި އޭނާގެ ސިއްހީ ހާލަތާމެދު އޮތް ސުވާލެވެ. އެ ރަށުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި މި ފަހުން ޒަކަރިއްޔާގެ ސިއްހީ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. އަމިއްލަ ނޫހެއް ކަަމަށްވާ ރާއްޖެއެމްވީ އަށް ވާހަކަ ދައްކަވަމުން ގައްދޫ ކައުންސިލް މެމްބަރު އަލީ ޝަރީފު ވިދާޅުވެފައިވާ ގޮތުގައި ޑިންގީ ގަމަށް ދާން ފުރި އިރު ވެސް އޭގެ އިންޖީނު މައްސަލައެއް އުޅޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޒަކަރިއްޔާ ގަމަށް ދިއުމަށް ފުރަން ވެގެން ޑިންގީގެ އިންޖީނު އިސްޓާޓު ނުވެގެން އުޅުނެވެ. ޑިންގީގެ އިންޖީނު އިސްޓާޓު ކުރީ ރަށު ތެރެއިން އެހެން މީހަކު ގެނެސްގެންނެވެ. 

މި މައުލޫމާތުގެ މައްޗަށް ބަލާއިރު ޒަކަރިއްޔާގެ ޑިންގީ ގަމާއި ގައްދުއާ ދެމެދު މަޑުކޮށްގެން އެ އޮތީ އިންޖީނުގައި މައްސަލައެއް ޖެހިގެންވުން ކަމަށް ގާތެވެ. ދެން އޮތް ސުވާލަކީ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ޖެހުމާ ހަމައަށް ޒަކަރިއްޔާ ފޯނު ރިންގްވިއިރު، އޭނާ ފޯނަށް ޖަވާބު ނުދިނީ ކީއް ވެގެން ހެއްޔެވެ؟ އެ އުމުރުގެ މީހުންނަކީ ރިންގް ޓޯން ގަދައަށް ފޯނުގައި ލައިން އުޅޭ ބައެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލުމެއް ނެތި އަދި ވެސް ދަނީ ކުރަމުންނެވެ. ޑިންގީ އާއި އިންޖީނު ފެނިއްޖެ އެވެ. މިހާރު އުފެދޭ ސުވާލަކީ ޒަކަރިއްޔާއަށްވީ ގޮތާ މެދު އެވެ. އޭނާ މޫދަށް ވެއްޓުނީ ހެއްޔެވެ؟ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.