ޑިންގީގެ ނަގިލި ހޯދާފައިވަނީ ފުލުހުންގެ ޑައިވިން ޓީމްއަކުން ތިލައަކަށް ފީނައިގެން ކުރި މަސައްކަތުންނެވެ. ނަގިލި ހޯދިއރު ވާއެއްކޮށް އޮތީ ދޫވެފަ އެވެ.
ގދ. ގައްދޫ ކައިރީގައި އޮންނަ ގަމަށް ޑިންގީއެއްގައި ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުން ގެންދާ ޒަކަރިއްޔާ މުހައްމަދު ދުއްވި ޑިންގީގެ ނަގިލި ހޯދައިފި އެވެ.
ގައްދޫ ރައްޔިތުން ކިޔާ ގޮތުންނަމަ "ތުއްތުބޭ" ދުއްވާ ބޮންތިގެ ނަން ދީފައިވާ 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނު އަޅާފައިވާ ކުޑަ ޑިންގީގެ ނަގިލި ހޯދީ މިއަދު ހެނދުނު 11:10 އެހާއިރު ފުލުހުންގެ ޑައިވިން ޓީމް އަކުން ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ތިލަ ތަންކޮޅެއްގެ މަތިންނެވެ. ނަގިލި ފެނުނުއިރު ނަގިލީގެ ވާއެއްކޮށް އޮތީ ދޫވެފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އެ ވާ ދޫވެފައިވަނީ ޑިންގީގައި ނުއެއްސިގެންނެވެ.
ގައްދޫ ކޯޒީރައުންޑް، 79 އ. ގެ ޒަކަރިއްޔާ ގެއްލުމާ ގުޅިގެން ސިފައިންގެ ކޯސްޓްގާޑާއި ފުލުހުން އަދި ގައްދޫ ކައުންސިލްގެ އިސް ނެގުމެއްގެ ދަށުން އެ ރަށުގެ ރައްޔިތުން ދަނީ ޒަކަރިއްޔާގެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އަޔާޑާ މޯލްޑިވްސްގެ ލޯންޗް ފަހަރު ބޭނުންކޮށްގެންވެސް ހޯދާފައިވެ އެވެ.
ކޯސްޓްގާޑުން މިރޭ ބުނެފައިވާ ގޮތުގައި ޒަކަރިއްޔާ ހޯދަން ހިންގާ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ. ސާޗް މި އޮޕަރޭޝަންގައި ސިފައިން ދަނީ މޯލްޑިވިއަންގެ ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ.