ގަބުރުސްތާނުތަކުގައި ޕާކުފަދަ ތަންތަން ހެދުން ހުއްދަ ނޫން ކަމަށް ފަތުވާ ނެރެފައިވާއިރު، ހަމަ މި މައުލޫގައި 2017 ވަނަ އަހަރު ނެރެފައިވާ ފަތުވާގައި އޮތީ މުޅިން މިއާ އިދިކޮޅަށެވެ.
ގަބުރުސްތާނުތައް ނަގައި، އެތަންތަން ސާފުކުރުމަށްފަހު ޕާކާއި ކުޅިވަރު ކުޅޭ ތަންތަން އެޅުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފި އެވެ.
ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާގައި ބުނެފައި ވަނީ އިސްލާމްދީން ވަނީ އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވާފައި ކަމަށެވެ.
މާތްﷲގެ ވަހީ ބަސްފުޅަކާއި، ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅަކަށް ރިއާޔަތް ކުރައްވަމުން އެ ފަތުވާގައި ބުނެފައި ވަނީ މި މަތިވެރި ކަމަކީ މުސްލިމު އަހާ ދިރިހުރުމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. މީހަކު މަރުވުމަށްދަހު ވެސް އެ އިހުތިރާމު ދެމި އޮންނާނެ ކަމަށެވެ.
"މިއީ އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ،" އެ ފަތުވާގައި ބުނެފައިވެ އެވެ.
ގަބުރުސްތާނުތަކުގައި ޕާކުފަދަ ތަންތަން ހެދުން ހުއްދަ ނޫން ކަމަށް ފަތުވާ ނެރެފައިވާއިރު، ހަމަ މި މައުލޫގައި 2017 ވަނަ އަހަރު ނެރެފައިވާ ފަތުވާގައި އޮތީ މުޅިން މިއާ އިދިކޮޅަށެވެ.
"ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތަކުގައި ބިން، އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރުން" ގެ ނަމުގައި އޭރު ނެރުނު ފަތުވާގައި ބަޔާންކޮށްފައި ވަނީ ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހުތިރާމާއެކު ކޮނެ، އެތަންތަނުން ފެންނަ މިނި ކަށިތައް އިހުތިރާމާއެކު އެހެން ގަބުރުސްތާނަކަށް ބަދަލުކުރުމަށްފަހު އެ ބިން ބޭނުން ކުރެވޭނެ ކަމަށެވެ.
ނަމަވެސް މިއަދުގެ ފަތުވާ ނިންމާލަމުން ބުނެފައި ވަނީ ކުރިން އެ މައުލޫގައި ނެރެފައިވާ ފަތުވާގައި ވެސް އަމަލުކުރަން ވާނީ އާ ފަތުވާއަށް ކަމަށެވެ.
ފަތުވާ މަޖިލީހުން މިގޮތަށް ފަތުވާ ނެރެފައިވާއިރު، މާފަންނު ސަހަރާ ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނަކާއި ބާސްކެޓު ކޯޓެއް ތައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.